ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ރެއާލް މެޑްރިޑުން ނަޕޯލީ ބަލިކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއިންނެވެ.
މި މެޗަށް ނުކުތްއިރު ރެއާލް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ނަމަވެސް ކޯޗް އަންޗެލޮޓީ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ވެސް ވަރުގަދަ ޓީމެއް ނެރެފައެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނަޕޯލީންނެވެ. މި ލަނޑު ނުވަވަނަ މިނެޓުގައި އެ ޓީމްގެ ކްވަރަސްޚޭލިއާ ރެއާލުގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ލޮރެންޒޯ ޖައްސާލި ވަގުތު ސިމިއޯނީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ނަޕޯލީން ލަނޑުޖެހިތާ އެންމެ ނުވަދިހަ ސިކުންތުގެ ތެރޭ ރެއާލުން އުފެއްދު ކައުންޓަ އެޓޭކެއްގައި ބްރަހިމް ޑިއާޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރޮޑްރިގޯ ވަނީ ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވާލައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގައި ރެއާލަށް ލީޑު ލިބުނީ 22 ވަނަ މިނެޓުގައި އަލަބާ ނަޕޯލީގެ އޭރިއާ ތެރެއަށް މަތިން ކުޅުނު ބޯޅަ ބޮލުން ޖަހައި ގޯލުގެ ދުރުކަނަށް ފޮނުވާލައިގެން ބެލިންހަމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ރެއާލަށް ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު ހަތަރު މެޗުގައި ޖެހި ހަތަރުވަނަ ލަނޑެވެ. އޭނާވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ރެއާލަށް ފުރަތަމަ ކުޅުނު ހަތަރު މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި ސީޒަންގައި މިހާތަނަށް ރެއާލަށް އޭނާ ކުޅެދިން 16 މެޗުގައި ވަނީ 15 ލަނޑު ޖަހާފައެވެ.
ދެވަނަ ހާފު ފެށިތާ ކުޑަ އިރުކޮޅެއްގެތެރޭ ނަޕޯލީން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޒަމްބޯ އަނގުއިސާއެވެ. ރެއާލަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ލިބުނީ 84 ވަނަ މިނެޓުގައި ނިކޯ ޕަޒް މާޓިނޭޒް ނަޕޯލީގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކުރި ލަނޑުންނެވެ. އުމުރުން 19 އަހަރުގެ ނިކޯ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއީ ޗެމްޕިއަންސް ލީގު މެޗެއްގައި އޭނާ ރެއާލަށް ކުޅުނު ފުރަތަމަ ފަހަރެވެ. ނިކޯއަކީ ކުރީގެ އާޖެންޓީނާގެ ޑިފެންޑަރ ޕަބްލޯގެ ދަރިއެކެވެ.
ރެއާލަށް ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދިނީ މެޗުގައި ގިނަ ފުރުޞަތުތަކެއް ނަގާލި ހޮސެލޫއެވެ. ނަޕޯލީގެ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ބޫޓުގެ ބޭރުފަރާތުން ގޯލު ކުރިމައްޗަށް ބެލިންހަމް ތިރިން ހުރަސްކުރި ބޯޅަ ހޮސެލޫ ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މި ލަނޑަށް ފަހު އޭނާ ވަނީ ގިނަ ފުރުޞަތުތަކެއް ބޭނުން ނުކުރެވި ދިޔުމުން ސަޕޯޓަރުންގެ ކިބައިން މާފަށް އެދުމުގެ ގޮތުން އެ އިޝާރާތް ކޮށްފައެވެ.
މި ގްރޫޕްގައި ރޭ ޔޫނިއަން ބާލިންއާއި ބްރާގާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ނަތީޖާއާއިއެކު ދެވަނަ ބުރުން ޖާގަ ހޯދުމުގެ ދޮރު ޔޫނިއަން ބާލިން އަށް ވަނީ ގެއްލިފައެވެ. ކުޅުނު ފަސް މެޗުން ލިބުނު 2 ޕޮއިންޓާއިއެކު އެ ޓީމް އޮތީ ގްރޫޕްގެ ފުލުގައެވެ. ތިންވަނާގައި ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ބްރާގާ އޮތްއިރު ދެވަނާގައި އޮތީ ނަޕޯލީއެވެ. ނަޕޯލީއަށް ފަސް މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.
މި ގްރޫޕްގެ ފަހު މެޗުތަކުގައި ނަޕޯލީ ނުކުންނާނީ ބްރާގާއާއި ދެކޮޅަށެވެ. އެ މެޗުން ތަފާތު ބޮޑުކޮށް ނަޕޯލީ ބަލިކޮށްގެން ބްރާގާއަށް ދެވަނަ ބުރުން ޖާގަ ހޯދެން އޮތްއިރު މެޗު އެއްވަރު ކޮށްލައިގެން ވެސް ނަޕޯލީއަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. ފަހި މެޗުގައި ރެއާލް ނުކުންނާނީ ޔޫނިއަން ބާލިންއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!