ކާފަރުންގެ ޢީދުތަކާއި ނުވަތަ އެނޫންވެސް ހަފުލާތަކުގައި އެބައިމީހުންނަށް ތަހުނިޔާކިޔާ (މަރުޙަބާ ކިޔުމަކީ) އެބައިމީހުން ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާކިޔުން ކަހަލަ ކަމެކެވެ. މިއީ އެބައިމީހުން ރާ ބުއިމުންނާއި، ޒިނޭ ކުރުމުން ތަހުނިޔާ ކިޔުމަށްވުރެ މާ ބޮޑުވެގެންވާ ފާފައެއްކަމަށް އިބުނު ތައިމިއްޔާގެ އެންމެ މަޝްހޫރު އެއްދަރިވަރުކަމަށްވާ އިމާމު އިބުނު ޤައްޔިމު އެކަލޭގެފާނުގެ ފޮތްކަމުގައިވާ އަޙުކާމުލް ޛިއްމާ މިފޮތުގެ ފުރަތަމަ އަދަދުގެ 205 ވަނަ ސަފުހާގައި ބަޔާން ކުރައްވާފައިވެއެވެ.

"މުސްލިމުނޫން މީހުންގެ ޙާއްޞަ ހަފުލާތަކާއި ޢީދުގައި ތަހުނިޔާކިޔާ މަރުހަބާކިޔުން، މިސާލަކަށް އެމީހުންގެ ޢީދެއްގައި އެމީހުންނަށް "ބަރަކާތްތެރި އީދެއް ތިބާއަށް އެދެން " (މިޒަމާނުގެ ބަހުން ބުނާނަމަ ކޮންގުރާ ކިޔުން) ނުވަތަ އެނޫންވެސް އިބާރާތަކުން ތަހުނިޔާ ކިޔުމަކީ ޢިލްމުވެރިން އެއްބަސްވެފައިވާ ގޮތުގައި ޙަރާމްކަމެކެވެ. އެއިބާރާތް ގެންނަ މީހަކީ މުރުތައްދުވުން ޝިރުކުގެ އަމަލަކާއި ގާތްވެފައިނުވާ މީހެއްކަމުގައި ވިޔަސް އެކަން ވަނީ ޙަރާމްވެގެންނެވެ. އަދި އެބައިމީހުންގެ ޢީދުތަކާއި ނުވަތަ އެނޫންވެސް ހަފުލާތަކުގައި އެބައިމީހުންނަށް ތަހުނިޔާކިޔާ (މަރުޙަބާ ކިޔުމަކީ) އެބައިމީހުން ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާކިޔުން ކަހަލަ ކަމެކެވެ. މިއީ އެބައިމީހުން ރާ ބުއިމުންނާއި، ޒިނޭ ކުރުމުން ތަހުނިޔާ ކިޔުމަށްވުރެ މާ ބޮޑުވެގެންވާ ފާފައެކެވެ.

Ad
rt

ދީންނުދަންނަ ނުވަތަ ދީންވެރިނޫން އެތައްބަޔަކު މިފަދަ ޢަމަލުތައް ކުރާ އިރު އެބައިމީހުންނަށް ކުރެވޭ ޢަމަލުގެ ނުބައިކަމާއި ޝައިތާނީކަން އެބައިމީހުންނަށް ހަޤީޤަތުގައި ނޭންގެއެވެ. އެއްވެސް ފާފައެއް ކުރުމުން ނުވަތަ ޝިރުކުގެ ޢަމަލެއް ކުރުމުން އެ އަމަލަކަށް ތަހުނިޔާ ކިޔުމަކީ ﷲ ތަބާރަކަ ވަތަޢާލާގެ ނުރުއްސެވުމާއި އަދި ބޮޑުވެގެންވާ އަޒާބަށް ހުށައެޅިފައިވާ މީހެކެވެ. ޞަލަފުންގެ ބޭކަލުން މިފަދަ ފާފަކުރާ ނުވަތަ ޖާހިލު މީހުންތައް ބޮޑެތި މަޤާމުތައް ލިބުމުން އެބައިމީހުންނާއި ތަހުނިޔާ ކިޔުމުން ދުރުވެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޒާބުން ސަލާމަތްވުމަށާއި އަދި އެއިލާހުގެ ރަޙުމަތުން ބޭރުނުވުމަށްޓަކައެވެ. އަދި ފާފައެއް ކުރާ މީހެއް މުންކަރާތަކުން ސަލާމަތް ކުރުމަށްޓަކައި އޭނާގެ ގާތަށްގޮސް ރީތިބަހުން ވާހަކަދެއްކުމަކުން އެކަމުގައި ގޯހެއްނެތެވެ.

އަދިވެސް އިމާމް އިބުނު ޤައްޔިމު އެފޮތުގެ ދެވަނަ އަދަދުގެ 277 ވަނަ ޞަފުހާގައި ބަޔާން ކުރައްވައެވެ.

އަދި މުސްލިމުންނަށް އެބައިމީހުންގެ ޢީދުތައް ފާހަގަކުރުމަށް އެހީތެރިވުމާއި އަދި އެބައިމީހުންގެ ޢީދުތައް ފާހަގަކުރަން ދިޔުމަށް އެހީތެރިވުންވެސް ހުއްދަވެގެން ނުވާ ކަމަށް އިލްމުގެ އަހުލުވެރިން އިއްތިފާޤުވެލައްވައެވެ. ހަތަރު މަޒްހަބުގެ އިމާމުންވަނީ މިކަމަށް އެއްބަސްވެލައްވާފައެވެ. އަބޫ ޤާސިމުއްތަބަރީ ލިޔުއްވައެވެ.

" މުސްލިމަކަށް މުސްލިމުނޫން މީހުންގެ ޢީދުތަކަށް ދިޔުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ ބާތިލުވެގެންވާ ގޮތެއް ކަމުގައިވާތީއެވެ. ރަނގަޅު ބަޔަކު ނުބައިބަޔަކާ އެއްވެއްޖެނަމަ ޝައިތާނާ ނުބައިމީހުންގެ ކޮޅަށް ރަނގަޅު މީހުންތައް ލަންބުވާލުމަށް މަގުފަހި ކުރެއެވެ. އަދި ޝައިތާނާގެ މަގަށް އެބައިމީހުންނަށް ރުހެވި އެމަގަށް ލޯބިކުރެވެއެވެ. މިކަމުގެ ސަބަބުން ﷲ ތަބާރަކަ ވަތަޢާލާގެ ނުރުއްސެވުން އެބަޔަކަށް ޙައްޤުވެއްޖެއެވެ."

އަދިވެސް އިބުނުލް ޤައްޔިމު ބަޔާން ކުރައްވައެވެ.

"އިބުނުލް ޤާސިމް އެކަލޭގެފާނު ނަޞާރާއިންގެ ޢީދުތަކުގައި އެބައިމީހުންނަށް ހަދިޔާ ދިނުމަށް ނުރުއްސަވައެވެ. އެކަލޭގެފާނު ދެކިވަޑައިގަތީ އެއީ އެބައިމީހުންނަށް އެހީތެރިވެ އެބައިމީހުންގެ ކާފަރުކަމަށް އެހީތެރިވުން ކަމުގައެވެ. ނަޞާރާއިންގެ ޢީދުތައް ފާހަގަކުރުމަށްޓަކައި އެބައިމީހުންނަށް މަހާއި، ހެދުން ފަދަ ތަކެތި ވިއްކުންވެސް ހުއްދަވެގެން ނުވެއެވެ. އަދި އެބައިމީހުންނަށް ޖަނަވާރުފަދަ ތަކެތި ކުއްޔަށް ދިނުމާއި އަދި ޢީދު ފާހަގަކުރުމަށް އެއްވެސް މާނައެއްގައި އެހީތެރިވުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ އެބައިމީހުންގެ ޝިރުކުތަކަށް އެއްބައިވެވި އަދި ކާފަރުކަމަށް އެހީތެރިވެވޭ ކަންކަމަށް ވާތީއެވެ."

އެޔަށްފަހު އަބޫ ހަނީފާ ވިދާޅުވިކަމަށް އެކަލޭގެފާނު ބަޔާން ކުރައްވައެވެ.

"އެބައިމީހުންގެ ޢީދުތަކުގައި އެދުވަސްތައް މަތިކުރުމުގެ ޤަޞްދުގައި ކަރައެއް ދީފިނަމަ ފަހެ އެމީހަކު ކާފަރުވެއްޖެއެވެ."