ދިވެހި ރައްޔިތުން އިޚްތިޔާރުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުކަމަށާއި، މިވެރިކަން ރައްޔިތުންނަށް ލާބަހުރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒާއެކު ސާބިތުވެ ހުންނަވާނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެންވިދާޅުވެފައި މިވަނީ، ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެ ޕާޓީ ދޫކޮށްލައްވައި، ސަރުކާރާ އިދިކީލިކޮށް މަސައްކަތްކުރައްވަން ފައްޓަވާފައި ވަނިކޮށެވެ.

Ad
rt

ނައިބު ރައީސް ހުސެން ''އެކްސް''ގައި މިއަދު ވިދާޅުވީ، މިވެރިކަމަކީ އެމަނިކުފާނު ވެސް ހިމެނޭހެން އެތައް ރައްޔިތުންނެއްގެ ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. އަދި މިވެރިކަން ލިބިގެން ދިޔައީ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

''ރައްޔިތުން އިޚްތިޔާރު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ތަސައްވުރު، އެމަނިކުފާނު އިސްކުރެއްވީ ތިޔަ ރައްޔިތުންގެ މަސްލަހަތު، ވީމާ މިވެރިކަަމަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަގީންކަން އަރުވަން'' ނައިބު ރައީސް ވިދާޅުވެފަ ވެއެވެ.

ރައީސް ޔާމީން ޕީޕީއެމާ ފެޔަށް ޖެހިވަޑައިގަންނަވާ އައު ޕާޓީއެއް ހެއްދެވުމަށް މަސައްކަތް ފައްޓަވާފައިވާއިރު، އެމަނިކުފާނުގެ ޓީމުން ވަނީ މިވެރިކަމާދެކޮޅަށް ''ހަތިޔާރު ނަގައި'' އިދިކޮޅު މަސައްކަތް ފަށާފައެވެ. ނަމަވެސް ފަސް އަހަރުގެ އިންތިޒާރަކަށްފަހު ޕީޕީއެމް/ޕީއެންސީއަށް ވެރިކަމުގެ ފޮނިމީރުކަން ލިބުނު ދަނޑިވަޅުގައި ބައިބައިވެގެންދާން އެ ފިކުރުގެ ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. އެކަން ދަނީ އެމީހުން މީސްމީޑިއާގައި ހާމަކުރަމުންނެވެ.