ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ކޮލޯން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ބަޔާން ކާމިޔާބު ކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ލަނޑު ޖެހުމުގެ ރެކޯޑެއް ހަދައިފިއެވެ.

ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ދޫކޮށް ބަޔާން އަށް ބަދަލުވި ކޭން އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭ މެޗުގެ ބަޔާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖެހީ ކޭންއެވެ. މިއީ އޭނާ މި ސީޒަންގައި ލީގުގައި ކުޅުނު 12 ވަނަ މެޗުގައި ޖެހި 18 ވަނަ ލަނޑެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ކޭން ވަނީ ބަޔާނަށް މި ސީޒަންގައި ކުޅުނު 17 މެޗުގައި 22 ލަނޑު ޖަހާފައެވެ.

Ad
rt

ކޭން ވެފައި ވަނީ ޖަރުމަނު ލީގުގައި އެއް ސީޒަނެއްގައި 18 ލަނޑު ޖެހި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ކުރިން މި ރެކޯޑް އޮތީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ސަންޗޯ އަދި ހެމްބާގަށް ކުޅުނު ކެވިން ކީގަން އަތުގައެވެ. ސަންޗޯ 2019/20 ވަނަ ސީޒަންގައި ޑޯޓްމަންޑަށް 17 ލަނޑު ޖަހައިދިނެވެ. އަދި ކީގަން 1978/79 ސީޒަންގައި ހެމްބާގަށް 17 ލަނޑު ޖެހިއެވެ.

ރޭ މެޗުގައި ބަޔާން އަށް ލީޑު ފުޅާ ކޮށްދިނުމަށް ލޮރީ ސާނޭއަށާއި ކިންގްސްލީ ކޮމަންގެ އިތުރުން ޗުޕޯ މޯޓިންގ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭނުން ނުހިފިފައެވެ.

މި މޮޅާއިއެކު ބަޔާން ވަނީ ދެވަނާގައި އޮތް ލެވަކޫސަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. ބަޔާންއަށް 12 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ލެވަކޫސަންއަށް 11 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ.

މިރޭ ރަށުން ބޭރުގައި ލެވަކޫސަން ނުކުންނާނީ ވާޑާ ބްރެމެން އާއި ދެކޮޅަށެވެ. މި މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނަ އަށް ޖެހިލުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.