ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކުރީގެ ސެކަންޑް ސެކްރަޓަރީ، ހއ. ދިއްދޫ، އަލީ ހާޝިމް ދީދީ، ދިއްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމައިފިއެވެ.
ހާޝިމް މިއަދު ވަނީ އެކަން ‘’އެކްސް’’ މެދުވެރިކޮށް ޢިއުލާން ކޮށްފައެވެ. ނަމަވެސް އޭނާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލަނީ މިނިވަން ކެންޑިޑޭޓެއް ގޮތުގައި ކަމެއް ނުވަތަ ޕާޓީއެއްގެ ޓިކެޓްގައި ކަމެއް ބުނެފައެއް ނުވެއެވެ.
އެމްޑީޕީގެ މެންބަރެއް ގޮތުގައި ކުރިން ހުރި ހާޝިމް ވަނީ 16 ނޮވެމްބަރު 2023 ގައި އެ ޕާޓީން ވަކިވެފައެވެ.
އަލީ ހާސިމްއަކީ ލޯކަލް ކައުންސިލް އިންތިޙާބުގައި އެމްޑީޕީ ޓިކެޓުގައި ދިއްދޫ ކައުންސިލަށް ވާދަކޮށް ކުރިން ހޮވުނު ފަރާތެކެވެ. އަދި ކައުންސިލްގެ މިދިޔަ ދައުރުގެ ދިއްދޫ ކައުންސިލްގެ ރައީސް ކަންވެސް ކޮށްފައިވާ ފަރާތެކެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ކައުންސިލް ރައީސް ކަމުން އަލީ ހާޝިމް ދުރުކުރުމަށް ދިއްދޫގައި ޕެޓިޝަނެއް ހަދައިގެން މަސައްކަތް ފެށިއެވެ.
މިއާއިއެކު 2019 ޖަނަވަރީ 22 ވަނަ ދުވަހު އަލީ ހާޝިމް ވަނީ ދިއްދޫ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދީފައެވެ. އިސްތިއުފާ ދިނުމަށްފަހު ހާސިމް ވަނީ އޭނާ އިސްތިއުފާ ދިނީ ޕެޓިޝަނެއްގައި ސޮއިކޮށް، އިސްތިއުފާދޭން ރައްޔިތުން އެދެމުން އަންނާތީ ކަމަށް ބުނެފައެވެ. އެއަށްފަހު އެ އަހަރު ޖުލައި 18 ވަނަ ދުވަހު ހާސިމް ވަނީ ކައުންސިލް މެމްބަރު ކަމުންވެސް އިސްތިއުފާ ދީފައެވެ.
އަލީ ހާސިމްއަކީ ދިއްދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ފަރާތެކެވެ. ފަހުން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް، ހާޝިމް ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެންބަސީގެ މަގާމަކަށް ޢައްޔަނުކުރެއްވުމުން ރައީސް ޞާލިޙްގެ ދައުރު ނިމެންދެން އޭނާ އެ މަގާމުގައި ހުއްޓެވެ.
ހާޝިމް ދިއްދޫ ގޮނޑިއަށް ވާދަކުރަން ނިންމިއިރު، ދިއްދޫގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) އަދި ދިއްދޫ މިހާރުގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑެ) ވެސް އެ ގޮނޑިއަށް ވާދަކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!