ޑިސެމްބަރ 4 ވަނަ ދުވަހުގެ ރޭ 21:06 ހާއިރު ހުޅުމާލެ ރީތިގަސްމަގުގައި ޓެކްސީ ޑްރައިވަރު، ޤާސިމް ޙަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިކަމަށް އިއުތިރާފް ވެފައިވާ އަދުހަމް ކާރަށް އެރީ ހުޅުލެއިން ކަމަށާއި، ގާސިމް މަރާލީ ފޭރެން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ގާސިމަށް ތޫނު އެއްޗަކުން ހަމަލާދިނީ މަރާލުމުގެ ގަސްތުގައި ނޫން ކަމަށް ގާސިމްގެ ގާތިލް، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ބުނެފައިވާ ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

Ad
rt

ފުލުހުން ބުނީ ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުގެ މަގްސަދަކީ ފޭރުން ކަމަށް އޭނާ ބުނާ ކަމަށާ ވަޅިން ހަމަލާދިނީ ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ވަޅިއެއް ހިފައިގެން ނިކުމެ ފޭރެން މަސައްކަތް ކުރީ މަސްތުވުމަށާއި އެހެނިހެން ބޭނުން ތަކަށް ފައިސާ ހޯދުމަށް ކަމަށް އަދްހަމް ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގާސިމް މަރާލި ހަމަލާދިން އަދުހަމް މުހައްމަދުގެ އަމާޒަކަށް ޤާސިމް ހެދީ އެ ދުވަހުގެ މެންދުރު ފަހުން ފެށިގެން ހުޅުމާލޭގައި ފޭރެން އުޅެފައި، އެކަން ނުވެ އެންމެ ފަހުން ހުޅުލެއަށް ގޮސް، އެކަން ކުރަން އޭނާއަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ފެނިގެން ކަމަށެވެ.

އަދުހަމް ފޭރެން މަސައްކަތްކުރީ ޑްރައިވަރު ޤާސިމަށް ބިރު ދައްކައިގެންނެވެ. ޤާސިމްވަނީ ފަހު ވަގުތާއި ހަމައަށް ސަލާމަތްވުމަށް މަސައްކަތް ކޮށްފައެވެ. އަދު ހަމް ޤާސިމަށް ބިރުދައްކައިގެން ހުޅުމާލޭގައި ހާފުވޭ ހައުސް ހުންނަ ގޯޅުގަނޑަށް ދެފަހަރެއްގެ މަތިން ކާރުގައި ދިޔައެވެ. ފުރަތަމަ ފަހަރު އެކަން ނުވީ، ފުލިހުން ބުނި ގޮތުގައި، އެވަގުތު އެ ގޯޅިން އެހެން ދުއްވާ އެއްޗެހި ދަތުރުކުރުމުންނެވެ. ގާސިމް އަތުން ފޭރުމުގެ ގޮތުން ވަޅިން އަދުހަމު ބިރުދައްކަން ފެށީ، ދެ ވަނަ ފަހަރަށް އެ ގޯޅިއަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ފަހަތު ޝީޓްގައި އިނދެފައި، ވަޅި ނަގައި ގާސިމަށް ބިރު ދައްކަން ކަރުގައި ވަޅި ޖެއްސުމާ އެކު، ސަލާމަތްވާން ޤާސިމް ވަރަށް ބާރަށް ހަޅޭއްލަވަމުން ގެންދިޔަ އެވެ. އަދި ވަޅީގައި ވެސް ހިފަހައްޓައިގެން، އަދުހަމް އަތުން ދެމިގަންނަން، އެންމެ ފަހު ވަގުތު ވެސް ގާސިމް މަސައްކަތްކުރި އެވެ. އެހެންކަމުން، ފުލުހުންގެ ވާހަކަތަކުން އެނގެނީ، އަދުހަމަށް އޭނާގެ މަގުސަދު ހާސިލްނުވުމުން އެންމެ ފަހުން އޭނާގެ ވަޅިން ޤާސިމް ގަތުލުކޮށްލީއެވެ.

ގާސިމްގެ މަރާ ގުޅޭ ހެކިތައް ލިބިފައި ވުމުގެ އިތުރުން އޭނާ މަރާލި ކަމަށް އަދުހަމް އިއުތިރާފްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.