މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު 239 އަށް އަރައި، ވީއައިއޭ އިން އެއަރޕޯރޓްގެ އެއަރޓްރެފިކް ރެކޯޑް މުގުރާލައިފިއެވެ.

އެމްއޭސީއެލް އިން ބުނީ އާދިއްތަ ދުވަހު 101 އިންޓަނޭޝަނަލް މޫމަންޓްސް އަދި 121 ޑޮމެސްޓިކް މޫމަންޓްސް ވީއައިއޭގައި ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

Ad
rt

މިއީ މިގޮތަށް މިއަހަރުގެ ތެރޭ ރެކޯޑް އަދަދަކަށް ފްލައިޓްތައް ޖެއްސި ދެ ވަނަ ފަހަރެވެ. އެގޮތުން، މި މަހުގެ އެއްވަނަ ދުވަހު ފްލައިޓް މޫވްމެންޓް 226 އަށް އަރާފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ވީއައިއޭ އިން ޓްރެފިކް ރެކޯޑު ހަދާފައިވާއިރު ރަންވޭގެ މަސައްކަތެއް ކުރުމަށް އެދުވަހު ދެފަހަރެއްގެ މަތިން ރަންވޭ ވަނީ ބަންދުވެސް ކޮށްފައެވެ.

އެއާޕޯޓުގައި ފްލައިޓު މޫވްމެންޓް އިތުރުވެފައި މިވަނީ ޓޫރިޒަމްގެ މައި ސީޒަންއާ ދިމާވުމާއެކު، ރާއްޖޭގެ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރާއި ދިމާވުމުން އެތެރޭގެ އުދުހުންތައްވެސް އިތުރުވުމާއެކުއެވެ.

މީގެކުރިން، އެއް ދުވަހެއްގެ މައްޗަށް އެއާޕޯޓު އެންމެ ގިނައިން ބޭނުން ކޮށްފައި ވަނީ މިދިޔަ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަހު 219 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވެ އެވެ.