ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަކީ ޕީޕީއެމް/ޕީއެންސީ އާއި މުޢިއްޒަށް ވޯޓުދިން އެންމެންގެ ޒިންމާއެއް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް، އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ރޭ ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ފެޔަށް ޖެހިވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިކަމަށް ޢިއުލާން ކުރައްވާފައެވެ.
މިހެން ކަންހިނގާފައިވަނިކޮށް މުހައްމަދު ''އެކްސް''ގައި ވިދާޅުވީ، ދިވެހީންގެ ރާއްޖޭގެ އެންމެމަތީ ވެރިޔާގެ މަގާމުކަމުގައިވާ ޤައުމުގެ ރައީސްކަން ޑރ. މުހައްމަދު މުޢިއްޒާއި ރައްޔިތުން ހަވާލުކުރީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ.
''މި ވެރިކަން ދަމަހައްޓާ ނެގެހެއްޓުމަކީ ޕީޕީއެމް/ޕީއެންސީގެ އެންމެހާ މެންބަރުންނާ ރާއީސް މުޢިޒައް ވޯޓުދެއްވި ރައްޔިތުންގެ ޒިންމާއެއް'' މުހައްމަދު ވިދާޅުވެފަ ވެއެވެ.
ދިވެހީންގެ ރާއްޖޭގެ އެންމެމަތީ ވެރިޔާގެ މަގާމް ރާއީސް ޑޮކްޓަރ މުއީޒައް ހަވާލްކުރީ ގާނޫނުއަސާސީގަ ކަނޑައެޅި ބަޔާންކޮށްފައިވާ 5 އަހަރުގެ ދައުރަކަށް މި ވެރިކަން ދަމަހައްޓާ ނެގެހެއްޓްމަކީ ޕީޕީއެމް / ޕީއެންސީގެ އެންމެހާ މެންބަރުންނާ ރާއީސް މުއީޒައް ވޯޓުދެއްވި ރައްޔިތުންގެ ޒިންމާއެއް pic.twitter.com/dYpBOCBZLP
— Mohamed Ismail (@MPMohdIsmail) November 24, 2023
މުހައްމަދު މި މޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން އައު ޕާޓީއެއް އުފައްދަވައި މަސައްކަތް ކުރައްވާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް ބެލެވެއެވެ. އަދި ޔާމީނާއެކު މިހާރުގެ ވެރިކަން ހިންގާ ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުންތަކެއް ވެސް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
ޔާމީންގެ ރޭ ނިންމެވުމަށްފަހު މިހާރު ވަނީ އަލަށް އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީގެ ނަމާއި ލޯގޯ ވެސް ފައިނަލް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!