ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުންތަކެއް އއ. އުކުޅަހުގައި މިއަދު ފަށައިފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު އުކުޅަހުގައި ހުންނަވައި ''ތިލަދުން'' އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުންތަކެއް މިހާރު އުކުޅަހުގައި ކުރިއަށް އެބަދެއެވެ. އަދި މިރޭ ޤައުމީ މަޖިލީހުގެ ޖަލްސާ އެއް ވެސް ތާވަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރު މަޝްވަރާ ހިނގަމުން ދަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ އަލީގައި ޕާޓީ ދެން ކުރިއަށް ގެންދަން ކުރަންޖެހޭ ކަންކަމާ މެދުގައެވެ. އަދި ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމާމެދު ވެސް މަޝްވަަަރާ ހިނގަމުން ދާކަމަށް އެ މެންބަރު ވިދާޅުވިއެވެ.
''މިހާރު މިދަނީ ވޯކިން ޝެޝަންތަކެއް، ރިޔާސީ އިންތިޚާބުގެ ނަތީޖާގެ އަލީގައި ބްރައިން ސްޓޯމްކޮށް، ހަރުދަނާ އޮޕިޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތުމަށް ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާ އެބަ ހިނގާ'' އޭނާ ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ މަޝްވަރާ ބައްދަވުން އއ.އުކުޅަހުގައި ކުރިއަށް ދަނީ pic.twitter.com/7FcBzejaqc
— MDP Secretariat (@MDPSecretariat) November 23, 2023
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަސައްކަތްތަކެއް އުކުޅަހުގައި ފެށިއިރު، އެ ޕާޓީ އައު ފެށުމަކުން ފަށައި، ކުރިއަށް ހުރި އިންތިޚާބުތަކުގައި ކާމިޔާބު ހޯދުމަށް ކުރާންޖެހޭ މަސައްކަތްތައް ވެސް ކަނޑައަޅާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ޕާޓީގެ ވަގުތީ ރައީސް އަކަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހަމަޖެއްސުމުގެ މަޝްވަރާ ހިނގާ ކަމަށް ވެސް ނުރަސްމީ މައުލޫމާތުތައް ބުނެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަސައްކަތްތަކެއް އުކުޅަހުގައި ފެށިއިރު، އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާއި، ކުރީގެ ވަޒީރުންނާއި، ދާއިރާ ރައީސުންކުރެ ގިނަ މެންބަރުންތަކެއް އަންނަނީ މި މަސައްކަތުގައި ޝާމިލްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!