މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ''އެކްސް''ގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަޤުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
އެހެންވެ، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށް ވިދާޅުވެފަ ވެއެވެ.
މިހާރު ޤާއިމު ކުރެވިފައިވާ ވަޤުފު ފަންޑު އިމާރާތް (ދާރުލްއީމާން) އިން އަހަރު 6 މިލިއަންހާ ރުފިޔާ މިސްކިތް ފަންޑަށް ވަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފައިސާ ޚަރަދުކުރަމުން ދަނީ މިސްކިތްތައް މަރާމާތުކުރުމާއި ޙާލަތު ރަނގަޅުކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
މިސްކިތު ފަންޑު ދިރުވުމުގެ ގޮތުން، "ދާރުލްއީމާން" ވަޤުފު ޢިމާރާތުގެ ބިންގާ އަޅައި މަސައްކަތްފަށާފައި ވަނީ 27 މާރިޗް 2014 ގައެވެ. އެތަނަކީ މާފަންނު މަދަރުސާއާ އިން ވެގެން އޮންނަ ހުސް ބިމުގައި އަޅާފައިވާ 10 ބުރީގެ އިމާރާތެކެވެ. އެ އިމާރާތް ހުޅުވައި ބޭނުން ކުރަން ފަށާފައި 13 ޖެނުއަރީ 2017 ގައެވެ. އެ އިމާރާތަކީ ވެސް ޑރ. ޝަހީމްގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ކަމުގައި، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފެއްޓެވި މަސައްކަތެކެވެ.
ދާރުލް އީމާން އިމާރާތް އަޅާފައިވަނީ އިސްލާމީ ގައުމުތަކުން ލިބުނު އެހީ އާއި ރާއްޖޭގެ ވިޔަފާރިވެރިންގެ އެހީތެރިކަމާއި އަދި ފީސަބީލިﷲ ފަންޑުގެ އެހީތެރިކަމާ އެކު އެވެ. މި އިމާރާތް އެޅުމަށް ކުވެއިތު ސަރުކާރުން ހަތަރު ލައްކަ ޑޮލަރު އަދި އަލްޖީރިއާގެ ވިޔަފާރިވެރިއެެއް ކަމުގައިވާ ޖިލިބީ މަހުރީ ވަނީ 30 އޯގަސްޓް 2012 ގައި އިސްލާމިކް މިނިސްޓްރީއަށް ދެ ލައްކަ ޑޮލަރު ވެސް ހަދިޔާކުރައްވާފަ އެވެ.
ދާރުލްއީމާން އިމާރާތަކީ ވަގްފު ފަންޑުން ހެދި ފުރަތަމަ އިމާރާތަށްވާއިރު ރާއްޖޭގެ ފަސް އަތޮޅެއްގައި މިފަދަ އިމާރާތްތަކެއް އެޅުމަށް އޭރުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!