ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި 1200 އަށްވުރެ ގިނަ މީހުން އަލަށް ގުޅިއްޖެއެވެ.

ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި ލ. އިސްދޫން އެ ޕާޓީއާއި ގުޅުނު 600 މީހުންގެ ފޯމު މި މަހުގެ 20 ވަނަ ދުވަހު އެ ޕާޓީއަށް ވަނީ ލިބިފައެވެ. އަދި އެ އަތޮޅު ގަމުން އެ ޕާޓީއާ ގުޅުނު 370 މީހުންގެ ފޯމުތައް ހަމަ އެދުވަހު ވަނީ އެ ޕާޓީއަށް ލިބިފައެވެ. މި ފޯމުތަކާއި ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) އެވެ.

Ad
rt

މީގެ އިތުރުން ގދ. ތިނަދޫން އެ ޕާޓީއާއި އަލަށް ގުޅުނު 150 މެންބަރޝިޕް ފޯމާއި ވެސް އެދުވަހު އަދުރޭ ވަނީ ހަވާލުވެވަޑައިގެންފައެވެ. އެ ފޯމުތަކަކީ އެ ޕާޓީގެ މަޖިލީހުގެ ޕްރައިމަރީގައި ތިނަދޫގެ ދާއިރާއަކަށް ވާދަކުރައްވާ އެވިޑް ކޮލެޖްގެ ޗެއާމަން އަބުދުﷲ މުޝްތާޤްގެ ޓީމުން ހަވާލުކުރި ފޯމުތަކެކެވެ. އަދި އެ ދުވަހު އައްޑޫ މީދޫން ވެސް އެ ޕާޓީއާ އަލަށް ގުޅުނު 100 މީހެއްގެ ފޯމު އެ ޕާޓީގެ އޮފީހަށް ވަނީ ހަވާލުކޮށްފައެވެ.

މިއަދު ވެސް އެ ޕާޓީއަށް ވަނީ 600 މެންބަރޝިޕް ފޯމު ލިބިފައެވެ. އެ ފޯމުތަަކަކީ ވެސް ލ. ގަމުން އެ ޕާޓީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމު ތަކެކެވެ.

މި ފޯމުތަކާއެކު މި ދެ ދުވަހު ޕީއެންސީ އޮފީހަށް ވަނީ އެ ޕާޓީ އާ އަލަށް ގުޅުނު ޖުމްލަ 1820 މީހުންގެ ފޯމު ލިބިފައެވެ.

ޕީއެންސީ އަކީ މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ޕާޓީއެވެ. އެ ޕާޓީއާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) މަސައްކަތްކުރަނީ ކޯލިޝަނެއްގެ ގޮތުގައި، ޕްރޮގެރެސިވް ކޯލިޝަންގެ ނަމުގައެވެ.

ކުރިއަށް މަޖިލިސް ޕްރައިމަރީއަށް ތައްޔާރުވަމުން އަންނައިރު، މަޖިލިސް ޕްރައިމަރީއާއި ގުޅިގެން ޕީއެންސީގެ މެންބަރުޝިޕަށް އެދެވޭ ކުރިއެރުމެއް އަންނާނެކަމަށް ބެލެވެއެވެ. ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ އޮތީ އަންނަ ޖެނުއަރީ 20ގައެވެ. އެ ޕްރައިމަރީއަށް އެ ކޯލިޝަންގެ މެންބަރުން ތައްޔާރުވުމުގެ ގޮތުން ކެމްޕޭންގެ އިތުރުން މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ޕީއެންސީ އާ އަލަށް މެންބަރުންތަކެއް ގުޅުނުއިރު އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަދެއެވެ. އެ ޕާޓީގައި މިވަގުތު ތިބީ 3 ހާހެއްހާ މެންބަރުންނެވެ.