މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުކައިރީ އެކްސިޑެންޓް ހިނގީ ކާރު ކޮންޓްރޯލްނުވެގެން ގޮސް ތިން ސައިކަލުގައި ޖެހިގެން ކަމަށާއި، އެ ހާދިސާގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި އެކްސިޑެންޓްގެ އިތުރު ތަފްސީލް ދެއްވަމުން ފުލުހުން މިރޭ ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 19:42 ގައި އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި މި މީހުންނަށް ފަރުވާ ދެމުން އަންނައިރު، އެތަނުން އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ގެންދަވަނީ މި މައްސަލަ ތަހުގީގު ކުރައްވަމުންނެވެ.