ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ބާއްވާ "މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023" ފަށައިފިއެވެ.
މި އަހަރުގެ މުބާރާތް އެ އަތޮޅު މާއުނގޫދޫއާއި ގޮއިދޫގައި ކުޅޭއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވާފައި ވަނީ މާއުނގޫދޫގައެވެ. މުބާރާތް ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
މުބާރާތުގެ ގްރޫޕް އޭގެ މެޗުތައް ގޮއިދޫގައި ކުޅޭއިރު، މި ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފީވަށް، ނޫމަރާ، ފޭދޫ، ބިލެތްފަހި، ފޯކައިދޫގެ އިތުރުން ގޮއިދޫއެވެ.
މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް މާއުނގޫދޫގައި ކުޅޭއިރު، މި ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ޅައިމަގު، މިލަންދޫ، ކޮމަންޑޫ، ފުނަދޫ، މަރޮށި، ނަރުދޫގެ އިތުރުން މާއުނގޫދޫއެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން މާއުނގޫދޫގައި ކުޅުނު މެޗުގައި ބައްދަލުކުރީ މިލަންދޫއާއި ޅައިމަގެވެ. މި މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ މިލަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މިލަންދޫގެ އަހްމަދު ޝާނީއެވެ.

މާއުނގޫދޫގައި ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ފުނަދޫއާއި ކޮމަންޑޫއެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ފުނަދޫއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފުނަދޫގެ އަބްދުﷲ ޒަމީން އެވެ.
މިއަދު ހަވީރު ގޮއިދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކަނޑިތީމާއި ފީވަކެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ކަނޑިތީމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކަނޑިތީމްގެ ރައުލް ނިޔާޒް އެވެ.
ގޮއިދޫގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ފޭދޫއާއި ނޫމަރާއެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ނޫމަރާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނޫމަރާގެ މުއާޒް ސޯލިހުއެވެ.
މިއީ ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ އަހަރުއެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުނަދޫއެވެ.