ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އެފްގައި ރޭ ބެލްޖިއަމްއާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ބެލްޖިއަމުން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި ހަތަރު ލަނޑުވެސް ޖަހައިދިނީ މިވަގުތު ފޯމްގައި ހުރި ފޯވާޑް ލުކަކޫއެވެ. މި ލަނޑުތަކާއިއެކު ކޮލިފައިންގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް އަރާފައެވެ. ކޮލިފައިންގައި ދެން އެންމެ ގިނައިން ލަނޑު ޖަހާފައި އޮތީ ރޮނާލްޑޯއާއި އެމްބާޕޭއެވެ. މި ކޮންމެ ކުޅުންތެރިއަކު ވަނީ 10 ލަނޑު ޖަހާފައެވެ. ޕޯޗުގަލްއަށް ކޮލިފައިން މެޗުތައް ނިމިފައިވާއިރު ފްރާންސަށް އަދި ބާކީ އެއް މެޗު އޮންނާނެއެވެ. ވުމާއިއެކު ލަނޑުގެ އަދަދު އިތުރު ކުރުމުގެ ފުރުޞަތު އެމްބާޕޭއަށް އެބައޮތެވެ.
އުމުރުން 30 އަހަރުގެ ލުކަކޫ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 113 މެޗުގައި 83 ލަނޑު ޖަހާފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓްގައި މިހާރު ލުކަކޫ އޮތީ ހަތްވަނާގައެވެ. އެއްވަނާގައި އޮތީ ރޮނާލްޑޯއެވެ. އޭނާ ވަނީ 128 ލަނޑު ޕޯޗުގަލް ގައުމީ ޓީމަށް ޖަހައިދީފައެވެ.
ބެލްޖިއަމްގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޑޮކޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ޓްރޮސާޑްއެވެ. މި މެޗުގެ 24 ވަނަ މިނެޓުގައި އަޒަރުބައިޖާންގެ އެޑީއަށް ރަތްކާޑު ދެއްކުމާއި ގުޅިގެން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ގްރޫޕް އެފްގެ އެއްވަނަ ހޯދައި ބެލްޖިއަމުން ވަނީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައެވެ.