ޔުއެފާ ޔޫރޯ 2024، ކޮލިފައިންގައި ކުޅުނު އަށް މެޗުވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑާއި އެކު ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފިއެވެ. ރޭ ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް އަމިއްލަ ގައުމުގައި ނުކުތީ އައިސްލެންޑާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލް އެވެ.
ކޮލިފައިންގައި ޕޯޗުގަލް އޮތީ ގްރޫޕް ޖޭގައެވެ. 10 މެޗުން 30 ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމް ގޮތުގައި ޕޯޗުގަލް ކޮލިފައިވީއިރު، ދެވަނަ ހޯދީ ސްލޮވާކިއާއެވެ. ރޭ ޕޯޗުގަލް އަތުން ބަލިވި އައިސްލެންޑް އޮތީ ހަތަރުވަނާގައެވެ.
ކޮލިފައިންގައި ކުޅުނު އަށް މެޗު ޕޯޗުގަލް އިން ކާމިޔާބުކުރި އިރު، ފްރާންސަށް ވެސް އަށް މެޗު ކާމިޔާބު ކުރުމުގެ ފުރުޞަތު އެބައޮތެވެ. އެ ޓީމް ކުޅުނު ހަތް މެޗު ކާމިޔާބު ކޮށްފައިވާއިރު ފަހު މެޗުގައި ގްރީސް އަތުން މޮޅުވެގެން ސައްތައިން ސައްތަ ރެކޯޑާއިއެކު ކޮލިފައިން ފްރާންސަށް ވެސް ނިންމާލެވޭނެއެވެ.
ރޭ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ބާނާޑޯ ސިލްވާގެ އެހީތެރިކަމާއި އެކުގައެވެ. ބްރޫނޯ ވަނީ ކޮލިފައިންގައި ކުޅުނު އަށް މެޗުގައި ހަ ލަނޑު ޖަހައި އަށް އެސިސްޓް ހަދާފައެވެ.
ޕޯޗުގަލްގެ ދެވަނަ ލަނޑު ރޮނާލްޑޯގެ އެހީތެރިކަމާއި އެކު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރިކާޑޯ ހޯޓާއެވެ. މި ލަނޑު ޖެހީ 66 ވަނަ މިނެޓުގައެވެ.
މި އަހަރުގެ ޖަނަވަރީ މަހު ޕޯޗުގަލްގެ ކޯޗުކަމާއި މާޓިނޭޒް ހަވާލުވީ ފަހުން އަދި އެ ޓީމް ބަލިވެފައި ނުވެއެވެ. ޕޯޗުގަލްއަކީ 2016 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމެވެ.