ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ގެންދާ މީހުން އަތުން ޙައްޖަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން ބޮޑު އަގުނަގާ މައްސަލަ ހައްލުކުރުމަށް ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާފަށާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރައިގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރޭގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ކޯޓާ ދޭ ކުންފުނިތަކުން ހައްޖު ޖާގަ އަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލައަށް އިތުރަށް ފާރަވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާމެދު މިހާރު ވެސް މަޝްވަރާ ކުރައްވަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
އެކަމަށް ހައްލު ހޯދަވަން ކުރަށްވަން ނިންމަވާފައިވާކަންކަމުގެ ތެރެއިން ގެންގުޅުއްވާ އެއް ވިސްނުމަކީ، އެ މަސައްކަތް އަމިއްލަ ކުންފުނިތަކަށް ދޫކުރުމުގެ ބަދަލުގައި، ޙައްޖު ކޯޕަރޭޝަންގެ ދަށަށް މުޅިން ބަދަލުރެއްވުންކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެބަދަލު ގެނައުމުން ސަރުކާރުން ކަނޑައަޅާ އުސޫލުގެ ތެރެއިން ޙައްޖަށް މީހުން ގެންދިޔުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށާއި، ޙައްޖު ޖާގަ ދިނުމަށް މީހުން އަތުން މާގިނައިން ފައިސާ ނަގަމުން އަން ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
"75،80،90 ހާސް ބިޑްގައި ޖަހާފައި، އިތުރަށް 50ހާސް 70 ހާސް އެބަ ނަގާ މީހުން އަތުން. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މިނޫންގޮތެއް އެބަ ހޯދަން ޖެހޭ.'' ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އެކަމަށް ޙައްލު ހޯދެވުމަށް މަޝްވަރާކުރެވެމުން އަންނަ ކަމަށާއި، އެކަމުގައި ރާއްޖެ އަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ވެސް ޙައްޖު ކޯޕަރޭޝަންއަށް މުޅިން ދޭނީތޯ ނުވަތަ އެކަން ކުރެވޭނީ ކިހިނެތްތޯ މަޝްވަރާ ހިންގަވަމުން ގެންދަވާ ކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަމުން އެއްކޮށް އަރައި ނުގަނެވޭތީ 2022 ވަނަ އަހަރު ދިވެހިރާއްޖެއަށް ސައޫދީ ސަރުކާރުން ދީފައި ވަނީ 453 ކޯޓާ ނަމަވެސް މިއަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ސައޫދީ ސަރުކާރުން 1000 ކޯޓާ ދެއްވާފަ ވެއެވެ.
ޝަހީމް ރޭގައި ދެއްކެވި ވާހަކަފުޅުގައި ވަނީ ޙައްޖު ކޯޓާ އިތުރުކުރުމުގެ މަސައްކަތްވެސް މިހާރު ފައްޓަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!