އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށާއި، މި މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ކުރާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެންމެ ބޮޑު މަސައްކަތަކަށް މި ސަރުކާރުން ކުރާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ. އަދި އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުންކަމުގައި ވެސް ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލީމަވާ ޖާގައިގެ 3 ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށެވެ. އެއީ ގާތްގަނޑަކަށް 1200 ހެކްޓަރު ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އަރބަން ސެންޓަރުތައް ޤާއިމުކުރުމާއެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްޤީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ރޭ މާލޭގެ މާފަންނުގައި ޒަމާނީ ބަދަލުތަކާއެކު ހުޅުވި ''މާފަނުން ގަޑިބުރު'' އަކީ ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމުގައި ހުންނެވިއިރު ފައްޓަވާފައިވާ މަޝްރޫޢެކެވެ. ގަޑިބުރު އަލުން ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ފާސްކުރެއްވި އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތްޕުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!