ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، 17 ނޮވެންބަރު 2023 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައި، ރައީސް ޑރ. މުޢިއްޒު ވަނީ އެކަން ވުޒާރާތަކަށް އަންގަވާފައެވެ.

Ad
rt

މި ސަރުކާރުގައި ޖުމްލަ 22 ވުޒާރާއެއް ހިމެނޭއިރު، ވުޒާރާތަކަށް ދިވެހިބަހުން ކިޔަން ނަންތައް ހަމަޖައްސަވާފައިވާ ގޮތަކީ،

  • މިނިސްޓްރީ އޮފް ޑިފެންސް - ދިފާޢީ ވުޒާރާ
  • މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ޚާރިޖީ ވުޒާރާ
  • މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ފިނޭންސް - މާލީ ވުޒާރާ
  • އެޓާނީ ޖެނެރަލްގެ އޮފީސް - ބަންޑާރަ ނައިބުގެ އޮފީސް
  • މިނިސްޓްރީ އޮފް ހެލްތް - ޞިއްޙީ ވުޒާރާ
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން - ތަޢުލީމީ ވުޒާރާ
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ޓޫރިޒަމް - ފަތުރުވެރިކަމާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް - އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ- އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ - ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް - ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

ސަރުކާރުގެ ވުޒާރާތަކަށް ދިވެހި ނަންތަކެއް ރަސްމީކޮށް ހަމަޖައްސާފައިވާއިރު، ދިވެހި ބަހަށް ހާއްސަ ވުޒާރާއެއް ވެސް މި ސަރުކާރުގައި ވަނީ ގާއިމުކޮށްފައެވެ.

އައު ސަރުކާރުގެ ދައުރު ފެށުނީ މި މަހުގެ 17 ވީ ހުކުރު ދުވަހުގެ ހަވީރު އެވެ.