މާލޭ ސިޓީގެ މާލޭގެ މާފަނުން ގަޑިބުރު ތަރައްޤީކޮށް ޒަމާނީ ބަދަލުތަކާއެކު ރޭ އަލުން ހުޅުވައިފިއެވެ.

ރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

މި މަސައްކަތަކީ ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމުގައި ހުންނެވިއިރު ފައްޓަވާފައިވާ މަޝްރޫޢެކެވެ. މިއީ އެމަނިކުފާނު އިސްވެ ހުންނަވައި އެކުލަވާލެއްވި މާލެ ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތެކެވެ.

ގަޑިބުރުގެ ތަރައްޤީކޮށްފައި ވަނީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ) ގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުންނެވެ. ދަނގެތީ ދާއިރާގެ މެންބަރު، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޗެއާމަނެއްގެ ގޮތުގައި ހުންނަވާ އާރުސީސީން މި މަސައްކަތް ހަވާލުކޮށް ކުރުވާފައި ވަނީ ޕައިނިއާ މޯލްޑިވްސް ކިޔާ ކުންފުންޏެއްލައްވައެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ރޭ ދެއްކެވިވާހަކަފުޅުގައި ވަނީ ގަޑިބުރު އަލުން ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރކަމުގައި ހުންނެވިއިރު ފާސްކުރެއްވި އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތްޕުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ގަޑިބުރު ތަރައްޤީ ކުރައްވާފައިވަނީ ހުރިހާ އުމުރެއްގެ މީހުނަށް ވެސް މަޤުބޫލު ވިސްނުންތަކެއް ގެނެވޭނެ ގޮތަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާ ގަޑިބުރުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ގަޑިބުރު ތަރައްޤީކޮށްފައިވަނީ 5 ވަގުތު ބަންގިވެސް އަޑުއިވޭ ގޮތަށް ކަމުގައެވެ. އަދި މުހިންމު މެސެޖުތައްވެސް ގަޑީގައިވާ ޑިޖިޓަލް ސްކްރީނުން ދެއްކޭނެ ކަމަށާއި، އެކި ކަހަލަ އިސްތިހާރުތައްވެސް ގަޑިބުރުގައިވާ ސްކްރީނުން ދެއްކޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާފަންނު ގަޑި ބުރު ފުރަތަމަ ބިނާކުރީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމުގެ ރަމްޒެއްގެ ގޮތުން ސްރީލަންކާ ސަރުކާރުގެ ހިލޭގެ އެހީގެ ދަށުން ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން 1990 ވަނަ އަހަރު އެވެ.

ގަޑިބުރު އެސަރަހައްދުން ނެގާފައި ހުންނަތާ ދުވަސްތަކެއް ފަހުން ރޭ ރައީސް މުޢިއްޒު ހުޅުވައިދެއްވީ ޒަމާނީ ބަދަލުތަކާއެކު ތަރައްޤީކޮށްފައިވާ ޒަމާނީ ގަޑިބުރެކެވެ.