މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޯ) އެވެ. އެނގިފައިވާ ގޮތުގައި އާ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަން މި ދެ ބޭފުޅުންނަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ރަމީޒާއި އަބްދުﷲ އަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މުއިއްޒާ އެންމެ ކައިރިން މަސައްކަތް ކުރެއްވި ދެ ބޭފުޅުންނަކީ ވެސް ރަމީޒާއި އަބްދުﷲ އެވެ.

ދަތުރުތަކާއި އެހެނިހެން ކަންކަމުގައި ވެސް މުއިއްޒަށް އެންމެ ބޮޑު އެހީ އެއް ލިބިވަޑައިގެންނެވީ ވެސް މި ދެ ބޭފުޅުންގެ ފަރާތުންނެވެ.

ސިޓީ ކައުންސިލްގެ ދެ ބޭފުޅުންގެ އިސްތިއުފާ ދެއްވުމާއެކު، މެދު ހެންވޭރާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ވަނީ ހުސްވެފައެވެ. އަދި މާދަމާ، މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމާ އެކު މާލޭގެ މޭޔަރު ކަމުގެ މަގާމު ވެސް ހުސްވާނެއެވެ.

އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރައްވާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނު ގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:45 ގައެވެ. އޭގެ ފަހުގައި، ރައީސް އޮފީހުގައި އެރޭ އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި ކެބިނެޓްގެ ވަޒީރުން ހުވާ ކުރައްވާނެއެވެ.