''ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ'' ކަމަށާއި، މި ސަރުކާރަށް ސަރުކާރުގެ ޚަރަދު ނުބެލެހެއްޓި ބަޖެޓު އޮތީ ހުސްކޮށްލާފައި ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ސަޕްލިމެންޓްރީގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނަޝީދު ވިދާޅުވީ، ދައުލަތުގެ ފައިސާ ޚަރަދު ކުރުން އޮންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މިންވަރަކަށް ފާސް ކުރާ ދުވަހަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނޫނީ ވަޒީރުން އެދިވަޑައިގަންނަވާ ކަންކަމަކަށް ދައުލަތުގެ ފައިސާ ޚަރަދު ކުރުމެއްނޯންނަ ކަމަށެވެ.

ދިމާވެގެން އުޅޭ ކަމަކީ ސަރުކާރަށް، ސަރުކާރުގެ ޚަރަދު ނުބެލެހެއްޓުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

''އިނގިވަޑައިގަންނަވާނެ ކޭޝްފްލޯއެއް ނުލިބުނީމައި މަސް ނިމޭއިރު އަބަދުވެސް މި އޮންނަނީ ތާށިވެފައި، ނިމި މިދާ ރައީސް ޞާލިޙްގެ ސަރުކާރުގައި އެންމެ ބޮޑަށް ފާހަގަވާ ނުކުތާއަކީ ކޭޝްފްލޯ ބަލަހައްޓަން އެނގިވަޑައިނުގަތުން، ސަޕްލެމެންޓްރީ ބަޖެޓާއެކު މިއީ ފުރަތަމަ ފަހަރެއްނޫން އެބޭފުޅުން ވަޑައިގަންނަވާ، އެހެންނަަމަވެސް މިފަހަރުމިވާ ގޮތަކީ، ކެޔޮކޭވަރު މާބޮޑަށް އިނގެނީ ބިތުފަންގި ނެގޭތީވެ،'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މާދަމާ މާލީ ވުޒާރާގައި އިންނަވާނީ މިއަދު އެއިންނެވި މާލީ ވަޒީރެއްނޫން ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީއާއި ޚިލާފަށް މާލީ ވުޒާރާއިން ކޮށްފަހުރި ޚަރަދު އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވިގޮތުގައި އެންމެ ލާރިއެއް ވެސް ޚަރަދުކުރާން މިޖެހެނީ މި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ފާސްކުރާ ގޮތަކަށް ކަމަށް ޤާނޫނުއަސާސީގައި ވަރަށް ސަރީހަ ބަހުން ލިޔެފައިވާކަމަށާއި، އެ ފައިސާ ބޭނުންހާ ގޮތަކަށް ޚަރަދު ނުކުރެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ނޮވެމްބަރު 2 ވަނަ ދުވަހާއި ހަމައަށް އާންމުކޮށްފައިވާ މާލީ ރިޕޯޓުން މިއަހަރުގެ ބަޖެޓް އޮތީ ހުސްކޮށްލާފަކަން ފެންނަން އެބައޮތް ކަމަށެވެ. އަދި ބަޖެޓްގައިވާ ފައިސާ ޚަރަދު ކުރަންޖެހެނީ މަޖިލީހުގެ މެންބަރުން ރުއްސައި އެމީހުން ބުނާ ކަންކަމަށްނޫންކަމަށާއި، އެފައިސާއަށް އަމާނާތްތެރިވާންވާނެ ކަމަށް ވެސް ވިދާާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހަށް ފޮނުވާފައި ވަނީ މާލީ ވަޒީރާއި ސަރުކާރުން ވައްކަން ކުރުމަށްފަހު ވައްކަމުގެ ''ރަޝީދެއް'' ކަމަށެވެ.