އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވުމަށް ހަމަޖެހިފައި ވަނީ އެ ގައުމުގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފިއެވެ.

އަންނަ ހުކުރު ދުވަހު ހަވީރު އޮންނަ މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެކުވެރި ހުރިހާ ގައުމުތަކަށް ދައުވަތު ދީފައިވާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނި ގޮތުގައި ޖަލްސާ އަށް 3،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދޭނެއެވެ.

Ad
rt

އެނގިފައިވާ ގޮތުގައި މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިނުގަންނަވަނީ އެ ދުވަހު އޮންނަ ގްލޯބަލް ސައުތު ސަމިޓް އަދި ޖ-20 ސަމިޓްގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާތީއެވެ. އެހެންވެ، އިންޑިއާގެ ފަރާތުން އެ ރަސްމިއްޔާތަށް ފޮނުވާނީ ލޯ މިނިސްޓަރު ކަން ވެސް ކުރެއްވި ރިޖިޖޫ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޮވެމްބަރު 17، 2018 ގައި ހުވާ ކުރެއްވި އިރު، އެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޖިޖޫ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މި އަހަރުގެ މެއި މަހުގެ 18 ގައެވެ.

ރިޖިޖޫގެ މިނިސްޓަރު ކަމުގެ ދަށުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-3 ހަނދުގެ ބިމަށް ޖެއްސުމުންނެވެ. އިންޑިއާ އިން އަންނަނީ ޖައްވީ ދިރާސާތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝީއެން ވައި އައިޖިން ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.