މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވުމުން މިނިވަންވެފައިވާއިރު އެކަން ބަލައި ނުގަންނަ ކަމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިރޭ ބުނެފިއެވެ.

އަދީބާއި، ޒިޔަތަށް ރައީސް ދެއްވި މާފާއެކު އިއްޔެ އެ ދެ މީހުން ވަނީ މިނިވަން ވެފައެވެ.

Ad
rt

މިިކަން މިހެން ހިނގާފައި ވަނިކޮށް އަދާލަތުން މިރޭ ‘’އެކްސް’’ އަދި ‘’ފޭސްބުކް’’ ގައި ކުރި ޕޯސްޓެއްގައި ބުނީ އެކަން އެ ޕާޓީން ބަލައި ނުގަންނަ ކަމަށެވެ.

‘’ދައުލަތުގެ މުދަލަށް ބޮޑެތި ޚިޔާނާތް ވީކަމަށް އަމިއްލައަށް އިޢުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ނުލިބި ދިޔުމަކީ މި ޕާޓީއިން ބަލައިގަންނަ ކަމެއް ނޫން.’’ އަދާލަތުން ބުނެފަ ވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދީބު މިނިވަންވީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ޖަލުން ގޭބަންދަށް ބަދަލުކުރިތާ ދުވަސްތަކެއް ހޭދަވި ފަހުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަނިކޮށް ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ހުކުމެއް ވަނީ މި އަހަރުގެ ސެޕްޓެމްބަރުގައި ކުރިމިނަލް ކޯޓުން އިއްވާފައެވެ.

އަދީބާއި ޒިޔަތު މިނިވަން ކުރުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ރޭ ނެރުނު މި ބަޔާނުގައި ޓްރާންސްޕޭރެންސީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރު ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް އަދީބާއި ޒިޔަތަށް ދިން ލުޔަކީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ އިތުރުން، ސިޔާސީ މަގާމުތަކާއި ނުފޫޒުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ މީހުންނަށް ދެވޭ ހިމާޔަތް ރަމްޒުކޮށްދޭ ނިންމުމެއް ކަމަށެވެ.