ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި "ތިލައުތުރު ފުޓްސަލް މުބާރާތް 2023" ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ވަށަފަރުން ކާމިޔާބު ކޮށްފިއެވެ.
މާރަންދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ހަވީރު ބައްދަލު ކޮށްފައި ވަނީ ވަށަފަރާއި އުތީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވަށަފަރު ޓީމްގެ ޖޯޒީ ނަމްބަރ 9، އަހްމަދު ސިނާންއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ސިނާން
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މުހައްމަދު މަޒީން – އުތީމް
ސާޖިދު ރަޝީދު – ވަށަފަރު
އަބްދުﷲ އިހްވާން – ފިއްލަދޫ
އަބްދުﷲ ސިނާން – ވަށަފަރު
މަހާސީން މުހައްމަދު – ވަށަފަރު
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހޯދީ ފިއްލަދޫ ޓީމްގެ ޖޯޒީ ނަމްބަރ 7، އަބްދުﷲ އިހްވާންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވަށަފަރު ޓީމްގެ ކޯޗް މުހައްމަދު އަޒްލީންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދި ޓޯނަމަންޓް) އަށް ހޮވުނީ ވަށަފަރު ޓީމްގެ ޖޯޒީ ނަމްބަރ 71، އަބްދުﷲ ސިނާންއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އުތީމެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާ ވަނީ ދީފައެވެ.
މިއީ ހއ.އަތޮޅު ކައުންސިލުން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް މިދިޔަ އަހަރު ބާއްވާފައި ވަނީ އުތީމުގައެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!