ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އުޅުނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރުމަށް ބާއްވާ ޖަލްސާ ހުއްޓުވަން ކަމަށާއި، އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްކޮށްފައިވާއިރު، ނަޝީދު ''އެކްސް''ގައި ވިދާޅުވީ، އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުން ދިޔަ ރޭވުން ފެއިލް ވެފައިވާ ކަމަށެވެ. އަދި އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށް ވިދާޅުވިއެވެ.

Ad
rt

ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް މިއަދު ވަނީ އިއްވާފައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެކަން މި ޙުކުމްގައި ފަހަގަކޮށްފައިވާއިރު، މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލާގައި އެޖެންޑާކުރެވޭ ގަރާރު ހުށަހަޅާ ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި، ގާނޫނުންނާއި، ރައްޔިތުންގެ މަޖިލިސްގެ ގަވާއިދުގެ ދަށުން ލާޒިމްކުރާ އެހެނިހެންކަންކަން ކުރަން ޖެހޭނެ ކަމަށާއި، އެ މައްސަލާގައި އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ޙުކުމްގެ ބަޔާން އިއްވަވަމުން ފަނޑިޔާރު ފާހަގަ ކުރައްވާފަވެއެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމުގައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓޭ މެމްބަރުން ރިޔާސަތުގައި ތިބެގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.