ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރުމަށް މިއަދު ނޮޅިވަރަންފަރު ލައިކަން އާއި ދެކޮޅަށް ޓީމް ހަނިމާދޫ ނުކުންނާނެއެވެ.

އަންހެން ބައިގެ ލީގު ބުރުގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެން ޖެހޭއިރު، މިހާތަނަށް ހަނިމާދޫއާއި ލައިކަން އިން ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. އެ ތިން މެޗުގައި އެ ދެ ޓީމް އަތުން ސެޓެއް ވެސް ގެއްލިފައި ނުވުމާއިއެކު ޕްއިންޓް ތާވަލުގެ އެންމެ ކުރީގައި ހުރިހާ ގޮތަކުން ވެސް އެއްވަރުވެ އޮތީ މި ދެ ޓީމެވެ.

Ad
rt

މިއަދު ހަވީރު ލީގު ބުރުގައި ހަނިމާދޫއާއި ލައިކަން ބައްދަލުކުރާއިރު އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނެއެވެ. މުބާރާތް ރާވާލާފައިވާ ގޮތުން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރަން ސެމީ ފައިނަލު މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ލީގު ބުރު ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމެވެ.

އަންހެން ބައިގެ ތިންވަނައަށް ވާދަކުރަނީ ނޭކުރެންދޫ ވިމެންސް ވޮލީ ޓީމާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބެވެ. ނޭކުރެންދޫއިން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައެވެ. އަންހެން ބައިގެ ލީގު ބުރުގެ ފަހު މެޗުގައި ހިރަފުސް ނުކުންނާނީ ވައިކަރަދޫ ވިޔެސްއާއި ދެކޮޅަށެވެ. ގްރޫޕް ތިންވަނަ ކަށަވަރު ވާނީ އެ މެޗުގެ ނަތީޖާއަށް ފަހުއެވެ.

އަންހެން ބައިގެ ސެމީ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ހަވީރުއެވެ. އަންހެންބައިގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރުއެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިން ސްޕޮންސަރުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސްޓް ހިމެނެއެވެ.