ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ އަންހެން ބައިގައި ނޮޅިވަރަންފަރު ލައިކަން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކުރި އިރު ފިރިހެން ބައިގައި ޓީމް ހަނިމާދޫ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު މުބާރާތުގެ އަންހެން ބައިގައި ވާދަކުރީ ލައިކަންއާއި ވައިކަރަދޫ ޓީމް ވިޔެސް އެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ ލައުކަންއެވެ. ލައިކަން ސެޓްތައް ގެންދިޔައީ (25/10، 25/14، 25/12) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލައިކަންގެ ޖޯޒީ ނަމްބަރު 12، ޝަހުމީލާ އަބްދުލް ހަކީމެވެ.

Ad
rt

މި މުބާރާތުގެ ފިރިހެން ބައިގައި ރޭ ކުޅުނީ ޓީމް ހަނިމާދޫއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސްއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ހަނިމާދޫއިންނެވެ. ހަނިމާދޫން ސެޓްތައް ގެންދިޔައީ (25/15، 25/21، 25/19) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީމް ހަނިމާދޫގެ ޖޯޒީ ނަމްބަރ 9، އިސްމާއިލް ސާޖިދް އެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ހަބީރު އޮންނާނީ އަންހެން ބައިގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކްލަބާއި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ނައިވާދޫއާއި ވައިކަރަދޫ ވިޔެސްއެވެ. މިއީ ފިރިހެން ބައިގެ މެޗެކެވެ.

މި މުބާރާތުގެ އަންހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް، ވައިކަރަދޫ ޓީމް ވިޔެސްގެ އިތުރުން ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވެފައި ވަނީ ހަތަރު ޓީމަކުންނެވެ. އެ ޓީމްތަކަކީ ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް، ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.