ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2023" ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ތިން ގްރޫޕަކަށް ޓީމްތައް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިގެންދާއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމަށެވެ.

Ad
rt

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ކުޅެފައިވާއިރު، ގްރޫޕް 1، ގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އުތީމް ވަނީ ސެމީން ޖާގަ ކަށަވަރު ކޮށްފައެވެ. ގްރޫޕް 2، ގެ އެއްވަނަ ހޯދައި ވަށަފަރު ސެމީން ޖާގަ ކަށަވަރުކުރިއިރު، ގްރޫޕް 3، ގެ އެއްވަނަ ހޯދައި ސެމީން ޖާގަ ހޯދީ މުރައިދޫއެވެ. އެންމެ ރަނގަޅު ދެވަނައެއް ހޯދައި ސެމީގެ ފަހު ޖާގަ ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ފިއްލަދޫއެވެ

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ބުދަ ދުވަހު ހަވީރު މާރަންދޫގައެވެ. ފުރަތަމަ ސެމީގައި އެ ދުވަހު 15:45 ގައި ބައްދަލުކުރާނީ އުތީމާއި މުރައިދޫއެވެ. ދެވަނަ ސެމީގައި އެ ދުވަހު 16:50 ގައި ވާދަކުރާނީ ފިއްލަދޫއާއި ވަށަފަރެވެ.

މި އަހަރުގެ މުބާރާތުގައި 11 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެ ރަށްތަކަކީ މުރައިދޫ، އިހަވަންދޫ، ބާރަށް، ފިއްލަދޫ، ކެލާ، މާރަންދޫ، އުތީމް، ތަކަންދޫ، ދިއްދޫ، ވަށަފަރުގެ އިތުރުން ތުރާކުނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި މުބާރާތް ކުރިއަށްދާ މާރަންދޫ ފުޓްބޯޅަ ދަނޑުގައެވެ.

މިއީ ހއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ތިލައުތުރު ފުޓްސަލް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ އުތީމުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ