ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގައި ނޮޅިވަރަންފަރު ލައިކަންއާއި ކުޅުދުއްފުށީ ކޮރަލްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިއިރު ޓީމް ހަނިމާދޫއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު އަންހެން ބައިގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބާއި ނޮޅިވަރަންފަރު ލައިކަންއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ލައިކަން އިންނެވެ. މި މެޗުގެ ސެޓްތައް ލައިކަން އިން ގެންގޮސްފައި ވަނީ (25/15، 25/17، 25/16) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލައިކަންގެ ޖޯޒީ ނަމްބަރ 11، އައިމިނަތު ޖޫޒާން ޒަރީރެވެ.

Ad
rt

ހޮނިހިރު ދުވަހުގެ ރޭ ފިރިހެން ބައިގައި ބައްދަލުކުރީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ވައިކަރަދޫ ވިޔެސްއެވެ. ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު 3-1 ސެޓުން މެޗު ކާމިޔާބު ކުރީ ކޮރަލްސް އިންނެވެ. މި މެޗުގެ ސެޓްތައް ކޮރަލްސް އިން ގެންގޮސްފައި ވަނީ (25/20، 25/27، 25/23، 25/19) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޮރަލްސްގެ ޖޯޒީ ނަމްބަރ 6، އާދަމް ފައިރޫޒްއެވެ.

އާދީއްތަ ދުވަހު މި މުބާރާތުގައި ކުޅެފައި ވަނީ އަންހެން ބައިގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ބައްދަލުކުރީ ނޭކުރެންދޫ ވިމެންސް ވޮލީ ޓީމާއި ވައިކަރަދޫ ވިޔެސްއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ނޭކުރެންދޫއިންނެވެ. ނޭކުރެންދޫއިން ސެޓްތައް ގެންގޮސްފައި ވަނީ (25/10، 25/16، 25/15) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނޭކުރެންދޫގެ ޖޯޒީ ނަމްބަރ 16، އައިޝަތު އުނައިޝާއެވެ.

އެ ރޭ ބައްދަލުކުރީ ޓީމް ހަނިމާދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ހަނިމާދޫއިންނެވެ. މެޗުގެ ސެޓްތައް ހަނިމާދޫއިން ގެންދިޔައީ (25/14، 25/22، 25/08) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީމް ހަނިމާދޫގެ ޖޯޒީ ނަމްބަރ 10، އައިޝަތު މާޖިދާއެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ހަވީރު ބައްދަލުކުރާނީ ނޮޅިވަރަންފަރު ލައިކަންއާއި ވައިކަރަދޫ ޓީމް ވިޔެސްއެވެ. މިއީ އަންހެން ބައިގެ މެޗެކެވެ. މިރޭ ފިރިހެން ބައިގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސްއެވެ.

މި މުބާރާތުގެ އަންހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް، ވައިކަރަދޫ ޓީމް ވިޔެސްގެ އިތުރުން ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވެފައި ވަނީ ހަތަރު ޓީމަކުންނެވެ. އެ ޓީމްތަކަކީ ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް، ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.