ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ކުށްވެރިންގެ ދަފްތަރު ޝާއިޢުކުރުމުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް މިއަދު ޝާއިޢުކޮށްފިއެވެ.
ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާޙު ކޮށްދެއްވީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގައި އިއްޔެ އޮތް ޙަފްލާއެއްގައި، ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއެވެ.
މިލިސްޓު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީތެރިކަން، ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. މިގޮތުން، ކޯޓުން ޙުކުމެއް ކުރުމާއެކު، އެޙުކުމާބެހޭ މަޢުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް، ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދެމުން ގެންދަވާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
މިއަދު ޝާއިއު ކުރި މި މިލިސްޓު، މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުންނެވެ.
މިލިސްޓުގައި، ކުށްވެރިންގެ މަޢުލޫމާތު ތަފާތު 7 ފިލްޓަރަކުން ފިލްޓަރ ކުރެވެން ހުރިއިރު، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މަޢުލޫމާތު ބެލެން ހުރެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރުގައެވެ. މި ދަފްތަރުގައި އެމީހުންގެ ވަނަވަރުގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ޙުކުމް ތަންފީޒުކޮށް ނިމޭ ތާރީޚް ފަދަ މުޙިންމު މަޢުލޫމާތުތައް ހިމެނެއެވެ. މި ދަފްތަރު އަދާހަމަކޮށް ޝާއިއުކުރަމުން އައިކަމުގައި ވީނަމަވެސް އާންމުންނަށް އެ ވެބްސައިޓަށް ވާޞިލުވުމަށް ދަތިތަކާއި ކުރިމަތިވިކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވިދާޅުވެފަވެއެވެ.
މި ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުމެވެ. އަދި އާންމުންނަށް ފަސޭހައިން މިދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލުވުމެވެ. މިގޮތުން، ފިލްޓަރކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެންވެސް މަޢުލޫމާތު ހޯދޭނެގޮތް މިހާރުވަނީ ފަހިވެފައެވެ.
މިލިސްޓު އިތުރަށް ފުރިހަމަ ކުރައްވަން، ނުވަތަ ލިސްޓާބެހޭ ގޮތުން ޚިޔާލެއް އޮތްނަމަ، ޖެންޑާ މިނިސްޓްރީގެ info.cfps@gender.gov.mv އީމެއިލް އަށް އީމެއިލް ކޮށްދެއްވުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!