ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހޯދީ މެންބަރުންނަށް ބިރުދައްކައިގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރޭ ތުހުމަތު ކުރެއްވުމުން އެކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ) ދޮގު ކުރައްވައިފިއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު އިލްޔާސް ވިދާޅުވީ، ނަޝީދު ވަކިކުރުމަށް ގަރާރުގައި ސޮއި ހޯދީ މެންބަރުން ބްލެކްމެއިލްކޮށް، ބިރުދައްކައިގެންކަން އިނގިވަޑައިގަންނަވާ ކަމަށެވެ. އަދި ނަޝީދުގެ މައްސަލާގައި މެންބަރުންނާއި މެންބަރުންގެ ގާތް މީހުންނަށް ނާޖާއިޒު މަންފާތައް ހޯދައިދޭން ވެސް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

Ad
rt

މިކަމަށް ރައްދު ދެއްވައި މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީގެ ޕީޖީ މެންބަރު ނިޔާ ''އެކްސް''ގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

''ސޮއިކުރި 49 މެމްބަރުންގެ އިތުރަށް ސޮއިކުރަންވެސް، ވޯޓްދޭން ވެސް ގިނަ މެމްބަރުން އެބަތިބި. ވޯޓަށް ނުފިލާ މެމްބަރުންނަށް ގޮތް ނިންމުނަށް ފުރުސަތު ދެއްވާ. ނަތީޖާ އެނގޭނީ އެއިރުން'' ނިޔާ ވިދާޅުވެފަވެއެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ޖަލްސާ ކެންސަލްކުރީ މަޖިލިސްގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ މަޖިލީހަށް ސަލާމް ފޮނުއްވުމުންނެވެ. އެއާއެކު އެމްޑީޕީން ވަނީ ހަމަ އެދުވަހި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައެވެ.

ނަޝީދުގެ މައްސަލާގައި ތާވަލުކުރި ފަސް ޖަލްސާ ވެސް އީވާ ސަލާން ފޮނުއްވުމުން ކެންސަލްކޮށްފައިވާއިރު، އެ މައްސަލަ މިހާރު ކޯޓުގައި އޮތުމުން މައްސަލަ އަށް ގޮތެއް ނުނިމެނީސް ރިޔާސަތަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް އީވާ އިއްޔެ ވަނީ މަޖިލީހަށް އަންގާފައެވެ. އެހެންވެ ދެން އެ ޖަލްސާ ތާވަލު ކުރާނީ ކޯޓުން އެ މައްސަލަ ނިމުމުން ކަމަށް މަޖިލީހުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވަކިކުރުމަށް އިތުބާރުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކުގައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ.