މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރަށް ތާއީދު ކުރައްވާ ކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

އާޒިމާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ކެމްޕެއިން ޕޯސްޓަރު އާންމު ކުރައްވައިފައެވެ. އެ ޕޯސްޓް، އިންތިހާބީ ރައީސް މުއިއްޒު ވަނީ ރީ ޓުވީޓު ކުރައްވައިފައެވެ. މުއިއްޒުގެ ތާއީދު އާޒިމާ އަށް އޮތްކަން ހާމަ ކުރެއްވުމުން އާޒިމާ ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

Ad
rt

އާޒިމާ ވިދާޅުވީ މުއިއްޒުގެ ވައުދުތައް ފުއްދެވުމުގައި އެހީތެރިވެ ދެއްވުމުގައި ދެމި ހުންނަވައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ދެން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. ހުސެއިން ވަހީދު ވެސް މިހާރު ގެންދަވަނީ ވަރަށް ވަރުގަދަ އަށް ކެމްޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ.

މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސް ވާނީ އެ މަގާމުގައި ހުންނެވި މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުއްވާ ކުރައްވާ ހިސާބުންނެވެ.

ޔޫތު މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އަހްމަދު މަހްލޫފް އާއި މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު ސައިފް ފާތިހު ވެސް ވަނީ މާލޭގެ މޭޔަރުކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން އިއުލާން ކުރައްވައިފައެވެ.

އާޒިމާ ވިދާޅުވީ އެމަގާމަށް ކުރިމަތިލުމަށް، ގަސްދުކުރެއްވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި މީހަކަށްވެފައި، ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުރީތީ ކަމަށެވެ. އަދި މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ގަބޫލުކުރެވި، އެ ކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެގުމަށް ބޭނުންވާތީ ކަމަށެވެ.

އާޒިމާ ވަނީ މުރާލިކަމާއެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާނޭ މީހަކަށް ވާނެކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ. އަދި ކޮންމެ ހާލެއްގައި ވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސްކުރާނޭ މީހެއްގެ ގޮތުގައި އަބަދު ވެސް ދެމިހުންނާނޭ ކަމުގެ ޔަގީންކަން ވެސް އަރުވާފައި ވެއެވެ.

މީގެ އިތުރުން ރައްޔިތުންނާއެކު މަސައްކަތްކުރާނެ ވިއުގައެއް އުފައްދައި، މާލެ ސިޓީއަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ތަރައްގީކޮށް، އާއިލާއާއެކު ދިރިއުޅެވޭނޭ ފަދަ ތަނަކަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ގްރޭޓާ މާލެއަކީ ވިޔަފާރިއާއި ވަޒީފާތަކަށް މަގުފަހިވެފައިވާ އަދި ހުރިހާ ގިންތިއެއްގެ ހުރިހާ އުމުރެއްގެ، ހުރިހައި ހާލަތެއްގައިވާ ރައްޔިތުންނަށް ވެސް ރައްކައުތެރިކަމާއެކު ދިރިއުޅުވޭނެ ތަނަކަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.