"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ނުދީ އަދި އެ މައްސަލަ ނުބަލާ ފްލެޓު އެއްބަސްވުންތަކުގައި ސޮއި ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިއަދު އަންގައިފިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާންމު ކުރިއިރު އާންމުންގެ ފަރާތުން ވަނީ ގިނަ ޝަކުވާތަކެއް ކުރަން ފަށައިފައެވެ. އަދި ޕޮއިންޓް ދިން ގޮތުގެ ތަފްސީލް ހާމަކުރަން ގޮވާލައި ބަޔަކު ވަނީ ހައުސިން މިނިސްޓްރީ ދޮށަށް ވެސް އެއްވެފައެވެ.

Ad
rt

އޭސީސީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގެދޮރިވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅާ ލިސްޓް އާންމުކޮށްފައި ވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭ ހެން ވަކި ބަޔަކަށް ނާޖައިޒް މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ދާތީ، އެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލު ކުރުމާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތައް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ވެސް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފައެވެ.

"ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 5 ނޮވެންބަރ 2023 އިން ފެށިގެން 9 ނޮވެންބަރ 2023 ގެ 16:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިއްޔެ އާންމު ކުރި ލިސްޓްގައި 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތައް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.