ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ''ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ ގުރުއަތުލައިފިއެވެ.

އަންނަ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގެ ގުރުއަތު ލާފައި ވަނީ މިއަދު އެކަމަށްޓަކައި ވައިކަރަދޫ ކައުންސިލުގައި ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ވައިކަރަދޫގައެވެ.

Ad
rt

މި މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހު ތިންވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ނޭކުރެންދޫ ވިމެންސް ވޮލީ ޓީމާއި ޓީމް ހަނިމާދޫއެވެ. މިއީ އަންހެން ޑިވިޝަންގެ މެޗެކެވެ. އެ ރޭ ފިރިހެން ޑިވިޝަންގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫއާއި ޓީމް ނައިވާދޫއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ގްރޫޕް ސްޓޭޖުން ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. ފައިނަލް މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި ވަނީ ފަސް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް، ވައިކަރަދޫ ޓީމް ވިޔެސްގެ އިތުރުން ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ ހަތަރު ޓީމަކުންނެވެ. އެ ޓީމްތަކަކީ ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް، ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30000 (ތިރީސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ