ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި އިސް ގާޒީ ކަން ވެސް ކުރެއްވި އަދި ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ބައެއް މައްސަލަތައް ފަނޑިޔާރެއްގެ ހައިސިއްޔަތުން ބެއްލެވި ޝަކީލް ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް އެ ކޮމިޝަނުން ނުނިންމައެވެ.

Ad
rt

ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔާ ވެވޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި ނަމައެވެ.

ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުއްޓާ އޭނާ ފެމިލީ ކޯޓަށް ބަދަލު ކުރިއެވެ. އެކަމަކު، 2019 ގައި އަލުން އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިން ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވިއެވެ. ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިއިރު، ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދިއެވެ.