ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތަށް ހއ.އަތޮޅު ކައުންސިލް ތަމްސީލްކުރާނެ ބައިވެރިން ހޮވުމަށް ބޭއްވި ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ހއ.އިހަވަންދޫ، ދޭލިޔާގެ ޔަޢިޝާ ޔާސިރު އިބްރާހިމް ހޯދައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ހއ.މާރަންދޫގައެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހެނދުނު މާރަންދޫ ސްކޫލު ހޯލުގައެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދި ޔަޢިޝާ ޔާސިރު އިބްރާހީމް އަށް ވަނީ އިނާމެއްގެ ގޮތުގައި އަލް ހިޖްރާ އެންޑް ޓްރެވަލްސް އިން ސްޕޮންސާކޮށްފައިވާ ޢުމުރާ ދަތުރު ދީފައެވެ.
މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ ހއ.ކެލާ، ނަޔާއަންދާޒުގެ ފާޠިމަތު ރިފްޢާ ރުޝްދީއެވެ. މުބާރާތުގެ ތިންވަނަ ހޯދީ ހއ.މާރަންދޫ ސްކޫލްގެ ދަރިވަރު ހއ. މާރަންދޫ ސޯސަންގެ ޟަމްޟަމް ޢަބްދުﷲ އާދަމެވެ.
މުޅި މުބާރާތުން އެއްވަނަ ރަށެއްގެ ގޮތުގައި ހޮވިފައިވަނީ ހއ.ދިއްދޫއެވެ. ދެވަނަ ރަށަކަށް ހއ.އިހަވަންދޫ ހޮވުނުއިރު ތިންވަނަ ރަށަކަށް ހޮވިފައިވަނީ ހއ.ކެލައެވެ.
މި މުބާރާތުގައި މި އަހަރު ހއ.އަތޮޅުގެ 13 ރަށަކުން 108 ފަރާތެއް ބައިވެރިވިއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި 36 ބައިވެރިންނާއި ހއ.އަތޮޅުގެ ސްކޫލްތަކުގެ ނަމުގައި ވާދަކުރި 72 ދަރިވަރުންނެވެ.
ހއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުމެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ހއ.އަތޮޅު ކައުންސިލް ތަމްސީލްކުރުމަށް 24 ދަރިވަރަކު މި މުބާރާތުން ވަނީ ހޮވާފައެވެ. އެ ދަރިވަރުންނަށް އިއްޔެގެ ޖަލްސާގައި ވަނީ އަތޮޅު ކައުންސިލްގެ ފަރާތުން ދޭ ދެކޮޅު ޓިކެޓް ހަވާލު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!