ފަލަސްޠީނުގެ މައްސަލައަކީ އަޅުގަނޑުމެން ދިވެހިންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، އެ ރައްޔިތުންނަށްޓަކައި އަޑުއުފުލައި، ހެޔޮ ދުޢާކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއްކަމަށް މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ފުވައްމުލައް ސިޓީކައުންސިލް ގުޅިގެން ފަލަސްޠީނާ ގުޅޭ ގޮތުން ބޭއްވި ''ފަލަސްޠީން ފޯރަމް'' ގައި ދެއްކެވި ވާހަކާގައެވެ.

Ad
rt

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ކެކުޅުމާއި ތަކުލީފުތައް ތަޙައްމަލްކުރަންޖެހޭނީ ހަމައެކަނި އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުންއެކަނި ނޫންކަމަށް ވިދާޅުވެފައެވެ. އަދި މުޅި އިސްލާމީ އުންމަތަށް އެ ވޭނާއި ކެކުޅުން އިޙްސާސްވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ފަލަސްޠީނުގެ މައްސަލައަކީ އަޅުގަނޑުމެންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއްކަމަށާއި އެތަން މިނިވަން ނުވާހާ ހިނދަކު އަޅުގަނޑުމެން އަބަދުވެސް އެކަމުގެ ދެރަ ނިކަމެތިކަން އިހްސާސްކުރަންޖެހޭނެކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުން އެ ވޭނާއި ކެކުޅުމުގައި ދިރިއުޅެމުންދާތާ 70 އެތައް އަހަރެއްވެއްޖެކަން ފާހަގަކުރައްވަމުން، މިހާރު އެރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް އެތައް ގުނައެެއް ބޮޑުވެފައިވާކަމަށް މިނިސްޓަރުޔ ވިދާޅުވިއެވެ. އެ ރައްޔިތުން ނިދައިފިނަމަ ހޭލެވޭނެކަމުގެ ޔަޤީންކަމެއްނެތްއިރު، ގެއިން ބޭރަށް ނުކުމެއްޖެނަމަ ބޮން އަޅައި ޝަހީދުކޮށްނުލާނެކަމުގެ އެއްވެސް ޔަޤީންކަމެއް އެ ޤައުމުގެ ރައްޔިތުންނަށް ނެތްކަމަށް މިނިސްޓަރުގެ ވާހަކާގައި ވަނީ ވިދާޅުވެފައެވެ.

އެއްްވެސް ރަޙްމެއް ނެތި ޔަހޫދީން އެދަނީ އެތަކެއް އަހަރުތަކެއް ވަންދެން މި ލާއިންސާނީ ޢަމަލުތައް ހިންގަމުންކަމަށާއި އެެހެންނަމަވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ތިބީ މިއަދު ލޯ މަރާލައިގެން ބީރުކަންފަތެއްދީގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން މިއަދު އެދެނީ އެމީހުންނަށް ހެޔޮދުޢާކޮށްލާނެ އަދި އެމީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއްކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ފަލަސްޠީނުގެ ރައްޔިތުންނަށް ވެވެން އޮތް އެހީއެއްވެދީ، ހެޔޮދުޢާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއްކަމަށާއި، އަޅުގަނޑުމެންގެ އަޑު އުފުލައި، ފަލަސްޠީނާއިއެކު ތިބިކަން ހާމަކޮށްދިނުމަކީ މުޅި ދުނިޔެއަށްވެސް ދެވޭ ވަރަށް މުހިންމު މެސެޖެއްކަމަށް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީގެ ވާހަކާގައި ވިދާޅުވިއެވެ.