ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ކުރިއަށް ގެންދާ ''ޣައްޒާ އެމާޖެންސީ ރިލީފް 2023'' ފަންޑަށް 23 މިލިއަން ރުފިޔާ އާއި 13000 ޑޮލަރު ލިބިއްޖެއެވެ.
އައިއޭސީ މި ފަންޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ފައިސާ ފޮނުވާފައެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ރަށްރަށުންނާއި، ސިޓީތަކުންނާއި އެކި މުއައްސަސާތަކުން ވެސް ވަނީ އެހީގެ ފައިސާ މި ފަންޑަށް ފޮނުވާފައެވެ.
އައިއޭސީން ވަނީ 28 އޮކްޓޯބަރުގެ ނިޔަލަށް އެ ޖަމިއްޔާގެ ''ޣައްޒާ އެމާޖެންސީ ރިލީފް 2023'' ފަންޑަށް ލިބުނު އެހީގެ ޖުމްލަ މިއަދު ހާމަކޮށްފައެވެ. މިގޮތުން އެ ފަންޑަށް އެ މުއްދަތާއި ހަމައަށް 23،987،108 ރުފިޔާ އާއި 13،023 ޑޮލަރު ވަނީ ލިބިފައެވެ.
"އިސްލާމީ އުއްމަތަށް ދިމާވާ ހުރިހާ ކަމެއްގައި ތިޔަ ލޮބުވެތި ރައްޔިތުން ދެއްވާ އެހީ އަދި އަޅުގަނޑުމެންނަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" އެހީގެ ޖުމްލަ ހާމަކޮށް އެ ޖަމިއްޔާއިން ބުނެފަވެއެވެ.
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެންފައިވާ، އިސްރާއީލޭ ކިޔުނު ޖަމާއަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ އެތައް ބަޔެއްގެ ގެދޮރު ގެއްލި ވަނީ މަގުމަތިވެފައެވެ. އިސްރާއީލްގެ ހަމަލާތަކުން އެތައް ފުރާނައެއްގެއްލިފައިވާއިރު، އެ ރަށުގެ އަހުލުވެރިން ވަނީ އެންމެހާ އަސާސީ ޚިދުމަތްތަކުން ވެސް މަޙްރޫމް ކޮށްލާފައެވެ. އިސްރާއީލު ކިޔުނު ޖަމާއަތުން ވަނީ އޮކްޓޯބަރު 7ގެ ފަހުން ދިން ހަމަލާތަކުގައ ފަލަސްތީނުގެ 8000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އިސްރާއީލޭ ކިޔުނު ޖަމާއަތުން ފަލަސްތީނު ބިމަށް ވެރިވެގަތީއްސުރެ ދަނީ ގަތުލުއާންމު ހިންގައި މުސްލިމް ނަސްލު އެ ބިމުން ފޮހެލަން މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!