ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.
އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާއެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދުގެ މައްސަލައެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރާނެ ކަން މަޖިލީހުގެ މެމްބަރުންނަށް އަންގަވައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ފޮނުއްވި ސިޓީގައި މަޖިލީހުގެ ގަވައިދާ ހަވާލާ ދެއްވައި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައި ވާތީ، ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދުނޫން ދުވަހަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހޭކަން އޮތީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އާދީއްތަ ދުވަހަކީ މަޖިލިސް ގަވާއިދުގައި ބުނާ މަޖިލިސްގެ ރަސްމީ ޖަލްސާ އޮންނަ ދުވަހަކަށް ނުވިޔަސް، އެ ޖަލްސާ ވަނީ އާދީއްތަ ދުވަހަށް ތާވަލުކޮށްފައެވެ.
މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 12 އޮކްޓޯބަރު 2023 ގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ. އަދި އެ މައްސަލަ އެޖެންޑާކުރުމުގެ ކުރިިން ދިފާއުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތާއި އެކަމަށް ކަނޑައަޅާ ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅަން ޖެހޭނެއެވެ.
އެހެންކަމުން ނަޝީދުގެ އިތުބާރުގެ މައްސަލަ ހިންގާ ދުވަހު އެމަނިކުފާނަށް ޖަވާބުދާރީ ވުމަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީން ނިންމާފައި ވަނީ 30 މިނިޓްގެ ވަގުތެވެ.
އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.
މި މައްސަލާގައި ނަޝީދު ވަކިކުރަން ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕު (ޕީޖީ ގްރޫޕް) އިން އިއްޔެ ވަނީ ތުރީލައިން ވިޕް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!