ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" އެ އަތޮޅު ވައިކަރަދޫގައި ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގައި ވަނީ ފަސް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް، ވައިކަރަދޫ ޓީމް ވިޔެސްގެ އިތުރުން ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ ހަތަރު ޓީމަކުންނެވެ. އެ ޓީމްތަކަކީ ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް، ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.
މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30000 (ތިރީސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަތޮޅު ކައުންސިލުން ބުނީ މި މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަތޮޅު ކައުންސިލުން ކުރި އިއުލާނާއި ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާފައި ވަނީ ވައިކަރަދޫ އިންސްޕިރޭޝަން ފޯ ޔޫތު އެމްޕަވަރމެންޓް އެންޑް ސްޕޯރޓްސް (ވިޔެސް) ޖަމިއްޔާއިން ކަމަށްވާތީ މި އަހަރު މުބާރާތް އެ ޖަމިއްޔާއާއި ގުޅިގެން ވައިކަރަދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މި މުބާރާތުގެ ގުތުއަތުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!