އއ. އުކުޅަހުގައި ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ފަރާތުން އަޅާ ސިޓީ ހޮޓާ 2025 ވަނަ އަހަރުގެ އޭޕްރީލްގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުކުޅަހުގައި ސިޓީ ހޮޓަލެއް އެޅުމަށް ކާނި ހޮޓެލްސް އާއި އެ ރަށު ކައުންސިލާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 22 ގައެވެ. އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް ކާނި ހޮޓެލްސް އަށް ލިބުނީ އޯޕަން ބިޑެއް ކާމިޔާބުކޮށްގެންނެވެ.

Ad
rt

ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) "ތިލަދުން" އަށް މިރޭ ވިދާޅުވީ އުކުޅަހުގައި އަޅާ ސިޓީ ހޮޓަލުގެ މަސައްކަތް ކުރުމަށް ބިން ލިބުމާ އެކު، އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން 250 އެނދުގެ އަދި 137 ކޮޓަރި ހިމެނޭ ސިޓީ ހޮޓަލްގެ ތިން ވަނަ ޝީޓް އަޅާ ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އުކުޅަހުގައި އެޅުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލަކީ 10 ބުރީގެ އިމާރާތެކެވެ. އެ މަސައްކަތް 2025 ވަނަ އަހަރުގެ އޭޕްރީލްގައި ނިންމާލެވޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބާރަށް މަސައްކަތް ކުރިއަށް އެދަނީ. އެހެންވެ، އެއްބަސްވި މުއްދަތަށް ވުރެ ކުރިން މަސައްކަތް ނިންމާލެވޭތޯ މި ބަލަނީ." އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓްގެ ސަބަބުން އުކުޅަސް ރައްޔިތުންނަށާއި މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް އޭގެން ފައިދާ ވާނެއެވެ.

ދިހަ ބުރީގެ މި ސިޓީ ހޮޓާ އެޅުމަށް އުކުޅަސް ބީޗް ފްރަންޓުން 7،808 އަކަ ފޫޓުގެ ބިމެއް ކާނި އަށް ދީފައިވެ އެވެ. މި މަޝްރޫއު ނިންމުމަށް އެއްބަސްވުމުގައި ކަނޑައަޅާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

އުކުޅަހަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް އެއް ރަށެވެ. އުކުޅަހުގައި މިހާރު ވެސް 33 ގެސްޓްހައުސް ހުންނަ އިރު، އެއީ 680 އެނދެވެ. ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް ކަން ވެސް ކުރައްވާ އަބްދުﷲ އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގެވުމުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ. ކާނި ހޮޓެލްސްގެ ފަސް ގެސްޓްހައުސްއެއް ކ. މާފުށީގައި މިހާރު ވެސް ހިންގަ އެވެ.