ދިވެހި ރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނާ ޚިލާފަށް ބައެއް މުއައްސަސާ ތަކުން ލިޔެކިޔުން ނައްތާލާ މައްސަލަ ބެއްލެވުމަށް ދިވެހި ފުލުހުންނަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަހްމަދު ތޯރިގު މިއަދު ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އަދި ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުން ވެސް ލިޔުންތައް ނައްތާލަމުން އަންނަކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

Ad
rt

ބެލެވޭ ގޮތުގައި ދިވެހި ރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނާ ޚިލާފަށް ބައެއް މުއައްސަސާ ތަކުން ލިޔެކިޔުން ނައްތާލާ މައްސަލަ ބެއްލެވުމަށް ދިވެހި ފުލުހުންނަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް ވަޒީރު ތޯރިގު ގޮވައިލެއްވީ މަ އަޑުތައް ފެތުރިފައިވާތީއެވެ.

''ދިވެހި ރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނާ ޚިލާފަށް ބައެއް މުއައްސަސާ ތަކުން ލިޔެކިޔުން ނައްތާލާ މައްސަލަ ބެއްލެވުމަށް ދިވެހި ފުލުހުންނަށް ގޮވާލަން. ދައުލަތުގެ އެއްވެސް ލިޔުމެއް ޤާނޫނާ ޚިލާފަށް ނައްތާލުމުގެ ޖާގަ ދެވިގެން ނުވާނެ.'' ލިޔެކިޔުންތަކެއް ނައްތާލާ ފޮޓޯއާއި ޤައުމީ އަރުޝީފުގެ ޤާނޫނުގެ ކަމާބެހޭ މާއްދާގެ ފޮޓޯއެއް ހިމަނުއްވައި ''އެކްސް''ގައި ތޯރިގް ލިޔުއްވާފައިވެއެވެ.

އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލާ ވީޑިއޯއެއް އިއްޔެ މީސް މީޑިއާގައި އާންމު ކުރުމުން އެ ވީޑިއޯ ނެގި އެކުންފުނީގެ މުވައްޒަފު އެ ކުންފުނިން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެ ވީޑިއޯއާއި ގުޅިގެން އެކުންފުނިން މިއަދު ބުނެފައި ވަނީ ވީޑިއޯގައި ފެންނަނީ، ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށް، ބާ ލިޔެކިޔުންތަކެއް ކަމަށެވެ.

މިފަދަ ލިޔުންތައް ނައްތާލާ މައްސަލާގައި ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި ވެސް ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފަވެއެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް ސަރުކާރަށް ގޮވާލައިފައިވެއެވެ.