ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލް ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގެ ނިންމުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ހަފްލާގައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް، ކޯހުގައި ކިޔަވައިދެއްވި "ފަނާރު ކޭކް" ގެ ފަރާތުން ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ.
ކޯސް ނިންމުމުގެ ހަފްލާގައި، ބައިވެރިންގެ މަސައްކަތްތައް ދައްކާލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ހަފްލާގައި އެ ރަށު މުއައްސަސާތަކުންނާއި ބައެއް އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ކޯހާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒުމީނާ އަހްމަދު ބުނީ މި ކޯހުގައި ބައިވެރިވި ދިހަ ބައިވެރިންގެ ތެރޭގައި ކޭކްގެ މަސައްކަތް ދަންނަ ހުރީ އެންމެ ފަރާތެއް ކަމަށާއި ދެން ތިބީ މި މަސައްކަތަށް މުޅިން އައު ކުދިންކަމަށެވެ. ނަމަވެސް ދިހަ ދުވަހުގެ ކޯސް ފުރިހަމަ ކުރުމަށް ފަހު، ނިންމުމުގެ ހަފްލާއަށް ބައިވެރިން ކޮށްފައިވާ ފުރިހަމަ މަސައްކަތް ފެނުމުން ކޯހުން ބައިވެރިން ކޭކް ޑެކަރޭޝަން މަސައްކަތް ދަސްކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ.
މިއީ ވަރަށް ކާމިޔާބު ކޯހެއްކަން ފާހަގަ ކުރަމުން އޭނާ ވަނީ ކޯސް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ނޮޅިވަރަންފަރު ޑަބްލިއުޑީސީން އިސްނަގައިގެން އެ ރަށުގައި ތަފާތު ކޯސްތައް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!