ކުޅުދުއްފުއްޓަކީ އެތްލެޓިކްސްގައި ގަދަ ރަށެއް ކަމަށާއި ގައުމީ ފެންވަރުގައި ގުނާލެވޭ އެތްލީޓުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމަޕިއަންޝިޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ 1979 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެތްލީޓުން ބައިވެރިވެގެން މާލޭގައި ބޭއްވި އެތްލެޓިކްސް މުބާރާތުން ވެސް އެއްވަނައަށް ދިޔަ ދެ އެތްލީޓުންނަކީ ކުޅުދުއްފުށިގެ ދެ ދަރިން ކަމަށެވެ.

އެގޮތުން އެ ދެ އެތްލީޓުންނަކީ އެރަށު ފީފާ، އާދަމް މުހައްމަދާއި އެރަށު ހާއުފާ، ހަސަން އަލީ ކަމަށާއި ކޯޗަކީ އެ ސިޓީއަށާއި ރާއްޖެއަށް ކުޅިވަރުގެ ގޮތުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލް މަރްހޫމް އާދަމް އިސްމާއިލް ކަން ވަނީ ފާހަގަކުރައްވާފައެވެ. އާތިފް ވިދާޅުވީ އެހާ ހިސާބުން ފެށިގެން އެ ސިޓީގައި ވަރުގަދަ އެތްލީޓުން އުފެދެމުން އައި ކަމަށާއި މިއަދުވެސް ޒުވާން، މުސްތަގުބަލް އޮތް އެތްލީޓުން ފެންނަކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ ބޮޑެތި މުބާރާތްތައް ބޭއްވުމުން ތުއްތު ކުދިން ވެސް އެކަންކަމަށް ހިތްޖެހި ދުވުމުގެ ތެރެއަށް ވަނުމަށް ޝައިގުވެރިވާނެ ކަމަށެވެ.

މީގެ އިތުރުން މުބާރާތެއްގައި އެންމެ އުއްމީދުކުރި ވަނަ އާއި މެޑަލް ނުލިބިދާނެކަން ފާހަގަކުރައްވާ ވިދާޅުވީ ހުރިހައި އެތްލީޓުންނަކީ ވެސް ކާމިޔާބުވެފަ ތިބި އެތްލީޓުން ކަމަށެވެ. އެއީ މިފަދަ މުބާރާތެއްގައި ބައިވެރިވެ، މުބާރާތް ކާމިޔާބު ކުރުމަކީ ލިބޭ ވަރަށްބޮޑު ކާމިޔާބެއް ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

އާތިފް ވަނީ ކާމިޔާބީއަކީ ގަދަ ހިތްވަރާއެކު މަސައްކަތް ކުރާ މީހުންގެ އެއްޗެއްކަމަަށާއި އެންމެބޭނުންވާ ވަނަ ނުލިބުނު ކަމުގައިވިޔަސް ގަދަ ހިތްވަރާއެކު މަަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

މި އަހަރުގެ ނޭޝަނަލް ޖޫނިޔާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުށީގައި ބާއްވާފައިވަނީ އޮކްޓޯބަރު މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.