ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅެން ތާވަލު ކޮށްފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޒީރު ސްޕޯޓްސް ކުލަބާއި ޖުވެނިސްއެވެ.
މި ދެ ޓީމް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ޒީރު ވަނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައި އެ ގުރޫޕްގެ އެއްވަނަ ހޯދާފައެވެ. ޖުވެނިސް ސެމީން ޖާގަ ހޯދީ ގްރޫޕް ބީގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕްގެ ފުލަސްދިޔަ ލެންޓާން އެފްސީއަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފައެވެ. ނަމަވެސް ޖުވެނިސްއަށް ސެމީގެ ޖާގަ ލިބުނީ ލެންޓާންއަށް ވުރެ ފައިދާ ގޯލު އިތުރު ވުމުންނެވެ.
ދެވަނަ ސެމީ ފައިނަލު މެޗު މިރޭ ކުޅުމަށް ތާވަލު ކޮށްފައިވާއިރު ބައްދަލުކުރާނީ އައްޓޯ އެފްސީއާއި ލަޔަންއެވެ. އައްޓޯ އެފްސީ އިން ވަނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައެވެ. އެ ޓީމް ސެމީއަށް އައީ އެ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ލަޔަންއަކީ ގްރޫޕް ބީގެ އެއްވަނަ ހޯދައިގެން ސެމީގެ ޖާގަ ކަށަވަރުކުރި ޓީމެކެވެ. އެ ގްރޫޕްގައި ކުޅުނު ދެ މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައެވެ.
މި މުބާރާތުގެ އަންހެން ބައިގެ ފައިނަލުން ސީއެސް ވިމެންސް ޖާގަ ހޯދީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. ފައިނަލުން ދެން ޖާގަ ހޯދި ބީޗް ސިޓީ ވިމެންސް ވަނީ ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައެވެ. އެއީ ސީއެސް ވިމެންސް އަތުންނެވެ. އަންހެން ބައިގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ހަވީރުއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަހްލާގު އަށަގަންނަވައި ކުޅިވަރުގެ ރޫހު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނިއުސްއެވެ. މި މުބާރާތުގެ ހަބަރުތައް ތިލަދުން އިން ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!