ހދ. ކުޅުދުއްފުށި ސިޓީގައި ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން އެރަށު ކައުންސިލުން މަނާ ކޮށްފިއެވެ.

އެ ކައުންސިލުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ އެރަށުގައި އާރް.ޓީ.އެލް ބަހުގެ ހިދުމަތް ފަށާފައިވާތީ ކަމަށާއި އެ ބަސްތަކަށް ފަސޭހަކާމައެކު ދަތުރު ކުރުމުގެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

Ad
rt

އެގޮތުން އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން 7 މަގެއްގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުން އެ ކައުންސިލުން ވްނީ މަނާކޮށްފައިވާ ކަމަށެވެ. އެއީ އޯކިޑްމަގާއި ސަހަރާމަގާއި މާލިމި ހިނގުން އަދި ފުނަވަލުމަގާއި ސަރުދާރުމަގާއި ނިޔަދުރުގޯޅި އަދި ބޮޑުރުއްދޮށުގޯޅިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިމަގުތަކުގެ އިތުރުން ބަސް ދަތުރުކުރާ މަގުތަކުގައި ވެސް، ބަސް ދުއްވުމަށް ދަތިވާގޮތަށް ވެހިކަލް ޕާކުކުރުމަކީ މަނާކަމެއްކަމެއް ކަމަށެވެ.

މީގެ އިތުރުން މި އެންގުމާއި ހިލާފަށް މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް ދިވެހި ފުލުހުންގެ ހިދުމަތުން ޓޯކުރަމުން ގެންދާނެ ކަމަށް ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅވެފައި ވެއެވެ.

އެ ސިޓީގައި އާރްޓީއެލް ބަހުގެ ހިދުމަތް ފެށި ނިމިދުޔަ ސެޕްޓެމްބަރު މަހުއެވެ. ކުޅުދުއްފުށި ބަހުގެ ހިދުމަތް ދިނުމަށްޓަކާ 2 ބަސް ބޭނުންކުރެއެވެ. އެއީ 22 މީހުންގެ ޖާގައިގެ 2 މިނީ ބަހެވެ.