ޣައްޒާގެ އަލް އަހްލީި ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.

ދިވެހި ހާރިޖިއްޔާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރައްވާ ކަމަށެވެ.

Ad
rt

މި ހަމަލާގައި ފަލަސްތީނުގެ އެތައް ސަތޭކަ މައުސޫމް ރައްޔިތުން ޝަހީދުވެފައިވާކަން ފާހަގަކުރައްވާ އެ ބަޔާނުގައި ވިދާޅުވީ އާންމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓަލުތަކާއި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަޙުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ރާއްޖެއިން ގޮވާލި ގޮވާލުން ވަނީ ތަކުރާރު ވެސް ކުރައްވާފައެވެ. އަދި ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ރާއްޖެއިން ގޮވައިލިގޮވައިލުން ތަކުރާރު ކުރައްވާފައި ވެއެވެ.

އިޒްރޭލުން ރޭ ދިން އެ ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މި ހަމަލާއާއެކު އަރަބި މުސްލިމު ގައުމުތަކުގައި އެކުގައި ކަހަލަގޮތަަކަށް ވަނީ އިޒްރޭލާއި ދެކޮޅަށް ތެދުވެފައެވެ. އަދި އެގައުމުތަކުގެ ރައްޔިތުން އަންނަނީ އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް އެ ގައުމުތަކުގައި މުޒާހަރާ ވެސް ކުރަމުންނެވެ.