ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ގެ އަންހެން ކެޓަގަރީގެ ފުރަތަމަ މަޗު ސީއެސް ވިމެންސް ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ އަންހެން ކެޓަގަރީގެ ކުޅުން ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ސަންދިޔާއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސް އިންނެވެ.
މުބާރާތުގެ ފިރިހެން ކެޓަގަރީގެ ތިންވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ލެންޓާން އެފްސީއާއި ޖްވެނިސް އެވެ. މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މުބާރާތުގައި މިއަދު ކުޅޭނީ ފިރިހެން ކެޓަގަރީގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު އައްޓޯ އެފްސީ ނުކުންނާނީ ޒީރު ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މިރޭ ބީޗް ސިޓީ ނުކުންނާނީ ޔުނިޓީ އެފްސީއާއި ދެކޮޅަށެވެ.
އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ.
އަންހެން ޑިވިޝަންގައި ވަނީ ތިން ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސީއެސް ވިމެންސް، ސަންދިޔާ އަދި ބީޗް ސިޓީ ވިމެންސްއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަހްލާގު އަށަގަންނަވައި ކުޅިވަރުގެ ރޫހު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނިއުސްއެވެ. މި މުބާރާތުގެ ހަބަރުތައް ތިލަދުން އިން ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!