ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ފަށައިފިއެވެ.
މި މުބާރާތް އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައްޓޯ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 12، މުޝްރިފް މުހައްމަދެވެ
ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ ޒީރު ސްޕޯޓްސް ކުލަބާއި ޔުނިޓީ އެފްސީއެވެ. މި މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ ޒީރު ސްޕޯޓްސް އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޒީރު ސްޕޯޓްސްގެ ޖޯޒީ ނަމްބަރ 9، އަލީ ހާފިޒް އެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ހަވީރު ބައްދަލުކުރާނީ ލެންޓާންއާއި ޖުވެނިސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސީއެސް ވިމެންސްއާއި ސަންދިޔާއެވެ. މިއީ އަންހެން ކެޓަގަރީގެ މެޗެކެވެ.
އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ.
އަންހެން ޑިވިޝަންގައި ވަނީ ތިން ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސީއެސް ވިމެންސް، ސަންދިޔާ އަދި ބީޗް ސިޓީ ވިމެންސްއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަހްލާގު އަށަގަންނަވައި ކުޅިވަރުގެ ރޫހު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނިއުސްއެވެ. މި މުބާރާތުގެ ހަބަރުތައް ތިލަދުން އިން ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!