އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހއ.ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
މި މަހުގެ 9 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގައި ހިންގި ހަރަކާތްތަކުން ވަނީ 132000.88 (އެއްލައްކަ ބައްތިރީސް ހާސް ރުފިޔާ، އައްޑިހައަށް ލާރި) ހޯދާފައެވެ.
މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރަމުން، މި އިވެންޓްގެ ކޯޑިނޭޓަރ ނަޝްވާން އިބްރާހީމް ބުނީ މިޑްލް ސްޕޯޓްސް ކުލަބާއި، ދި ފައުންޑޭޝަނާއި، ހއ.އޭއީސީ ގާލްގައިޑްސްގެ އިތުރުން ބާރަލާ ސްޕޯޓްސް ގުޅިގެން މި ހަރަކާތް އިންތިޒާމް ކުރި ނަމަވެސް މިއީ މުޅި ދިއްދޫ ރައްޔިތުންގެ ހަރަކާތެއް ކަމަށެވެ.
ފަލަސްތީން ފަންޑަށް ފައިސާ ހޯދުމަށް މި މަހު ނުވަވަނަ ދުވަހު އެ ރަށު ހުރިހާ މިސްކިތެއްގައި ވަނީ ފަންޑް ފޮށި ބަހައްޓާފައެވެ. ފާއިތުވި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެ ރަށުގެ ދެ ސަރަހައްދެއްގައި ވަނީ ފަންޑްރައިޒިން އިވެންޓްތައް ކުރިއަށް ގެންގޮސްފައެވެ. އެ އިވެންޓްތަކުގެ ތެރެއިން ފައިސާ ހޯދުމަށް ތަފާތު ވައްތަރުގެ ކާނާ ވިއްކުންފަދަ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނަޝްވާން ބުނީ ހުކުރު ހޮނިހިރު މި ދެ ދުވަހަކީ ވަރަށް މޫސުން ގޯސް ދެދުވަސް ނަމަވެސް ރަށުގެ ދެ ކޮޅުގައި ހިންގި ހަރަކާތްތަކުގައި ރައްޔިތުންގެ ފަރާތުން ބޮޑު ސަޕޯޓެއް ލިބުނުކަމަށްޓަކައި އުފާކުރާކަމަށެވެ.
މި ހަރަކާތްތަކުން ލިބުނު ފައިސާ މިއަދު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާއި ހަވާލުކޮށްފައެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އަންނަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާއި ދިވެހި މީޑިއާތަކުގެ އިސްނެގުމާއިއެކު، ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް މިހާރު އަންނަނީ ޓެލެތޯންއެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެ ޓެލެތޯން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ މާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި އަޑު އުފުލުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!